މިދިޔަ ޖޫންމަހު ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގެ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކުއްޖާ މަރާލި މައްސަލައިގާ ދަޢުވާލިބޭ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ)ގެ ޝަރީއަތުގައެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުން އެދުނު ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމާއި، ޒީހާންގެ ބަންދު މުރާއަޖާކުރުމުވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދަޢުލަތުން އެދުނުގޮތަށް ހެކި ރައްކާތެރިކުރުމުގެ އަމުރު ނެރެދެއްވާފައެވެ. އަދި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ އިބްރާހީމް ޒިހާން ބަންދުގައި ބެހެއްޓުމުގެ އަމުރުވެސް ވަނީ ދަމަހައްޓާފައެވެ. މިމައްސަލަގައި ޒިހާންގެ އިތުރުން ދެން ދައުވާކުރަނީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ. އޭނާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާއިރު، އެ ކޯޓުން ވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ކުރިން ކުރި އަމަރު ދަމަހައްޓާފައެވެ.

ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ޒިހާންގެ މައްޗަށްކުރާ 13 ދަޢުވާއެއް ވަނީ އުފުލާފައެވެ. އަދި މީގެކުރިން ބޭއްވި އަޑުއެހުމުގައި، އޭނާވަނީ އެ ދަޢުވާތައް ސާފުވާކަމަށް ބުނެފައެވެ.

ޒީހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ ހިމެނެއެވެ. މިދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ޖޫންމަހުގެ 22 ވަނަ ދުވަހުގެރޭ ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި ފޮއްޓަކަށް ލާފައި އޮއްވާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުންނެވެ.



ކިޔުންތެރިންގެ ހިޔާލު