ސިޔާސީ ބޭނުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ހަސަން ލަތީފް މިކަމަށް އިލްތިމާސްކުރެއްވިީ، ރައީސް ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލާނެ ކަމަށް އެ މުއައްސަސާއިން ވިދާޅުވެފައި ވަނިކޮށެވެ. މިމައްަސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖަމިއްޔަތުލް އިއްތިހާދު ނަމަކަށް ކިޔާ މަދަނީ ޖަމާއަތަކުންނެވެ.

މިކަމާއި ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ 6 މޭ ހަމަލާއަކީ ރައީސް މުހައްމަދު ނަޝީދާއިމެދު ފިތުނަވެރިކަމާއި ރުޅިވެރިކަން ފެތުރުމަށް ރޭވުންތެރިކަމާއެކު ބަޔަކު ހިންގި އެޖެންޑާގެ ނަތީޖާކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަސައްކަތް އަދިވެސް އެދަނީ ކުރިއަށްކަމަށާއި ސިޔާސީ ބޭނުމަށް ރައީސް ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުމަށް ހަސަން ލަތީފް އިލްތިމާސްކުރެއްވިއެވެ.

"6 މޭ ހަމަލާއަކީ ރައީސް މުހައްމަދު ނަޝީދާއި މެދު ފިތުނަވެރިކަމަާއި ރުޅިވެރިކަން ފެތުރުމަށް ރޭވުންތެރިކަމާއެކު ބަޔަކު ހިންގި އެޖެންޑާގެ ނަތީޖާ. އެފަދަ ފަރާތްތަކުގެ މަސައްކަތް އަދިވެސް އެދަނީ ކުރިއަށް. ސިޔާސީ ބޭނުމަށް ރައީސް ނަޝީދު ނުރައްކަލުގެ ކުރިމައްޗަށް ނުނެރުއްވާ." ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޖަމިއްޔަތުލް އިއްތިހާދު ނަމަކަށް ކިޔާ މަދަނީ ޖަމާއަތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ހުސްވި އަހަރު ފާހަގަކުރި ކްރިސްމަސް މުނާސަބަތުގެ ޝިއާރު ފެންނަހެން ފޮޓޯއެއް ރައީސް ނަޝީދު އާންމު ކުރެއްވި ކަމަށް ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ މިފަދަ މައްސަލައެއް އެ ޖަމިއްޔާގެ ފަރާތުން ޖެނުއަރީ 17، 2020 ގައި ވެސް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިކަމަށެވެ. އަދި ރައީސް ނަޝީދުގެ އެ އަމަލަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު އަމަލެއް ކަމުގައި އެ ޖަމިއްޔާއިން ތުހުމަތު ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު