ސަރުކާރުން ކުރިއަށްގެންދާ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ މަަޝްރޫއު ބަޔަކާއި ހަވާލުކުރަނީ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ، އެކަން ހުއްޓުވައިދޭން އެދުނު ވަގުތީ އަމުރު ނެރެނުދޭން ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓަށް މިމައްސަލަ ހުށަހަޅާފައިވަނީ މިމަޝްރޫއުގައި ބީލަމުގައި ބައިވެރިވެ، ނާކާމިޔާބުވި އަޒްރޯވާ މޯލްޑިވްސް ކުންފުނީގެ ފަރާތުންނެވެ.

އަގުބޮޑުކޮށް ހުށަހެޅި ކުންފުންޏަށް މަޝްރޫއު ދީގެން އަޒްރޯވާ ކުންފުނިން ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމުން އެކުންފުނިން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރިއެވެ.

މިމައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމްގައި ބުނީ ޕްރޮޖެކްޓް ހުއްޓުވުމަށް ވަގުތީ އަމުރު ނުނެރުނަސް އަޒްރޯވާ މޯލްޑިވްސްއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް މި މައްސަލާގައި ފެންނަން ނެތް ކަމަށެވެ.

އެހެންކަމުން މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ މަޝްރޫއު ހުއްޓުވަން ވަގުތީ އަމުރެއް ދައުވާގެ ތެރެއިން ނެރެދޭނެ ހާލަތެއް ނެތް ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ފެނާއި ނަރުދަމާގެ ބޮޑު މަޝްރޫއު ބަޔަކާ ހަވާލުކުރަނީ ދައުލަތަށް 150 މިލިއަން ރުފިޔާގެ ގެއްލުން ލިބޭ ގޮތަށް ކޮރަޕްޝަންގެ ތެރެއިން ކަމަށް ބުނެ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް މައްސަލަ ހުށަހެޅިއެވެ.

ހައިކޯޓުން މިމައްސަލަ ނިމިފައިވާއިރު މައްސަލައާއި ގުޅޭ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށް މިދިޔަ ހަފުތާގައި ވަނީ ރަސްމީކޮށް މަސައްކަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު