މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން
މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން
މިއަހަރުގެ އަމާޒަކީ ބޭރުގެ ބާޒާރުން މަހަށް ލިބޭ އަގު ރަނގަޅު ކުރުން ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާ، އެގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

ރައީސްގެ ވާހަކަފުޅަށް ބާރު ދެއްވަމުން ޑރ. ޙުސައިން ރޭ ވިދާޅުވީ މިއަހަރަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެންމެ އިސްކަންދޭ އެއްކަމަކީ ރައީސްގެ އެ އަމާޒު ޙާސިލް ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެ އަމާޒަށް ވާޞިލްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަހަށް މިހާރު ބޭރުގެ ބާޒާރުން ލިބޭ އަގަށް ވުރެ ރަނގަޅު އަގު ހޯދައިދޭން މަސައްކަތްކުރާނަން. ރައީސް މިދިޔަ އަހަރު މަސްވެރިންގެ ދުވަހު ވިދާޅުވި ވާހަކަ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަހުގެ އަގު އުފުލޭނޭ. ރައީސް ވަރަށް ވިސްނަވާފައި ވިދާޅުވި ވާހަކައެއް އެއީ." ޑރ. ޙުސައިން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކަނޑުމަސް ބޭރަށް ރަނގަޅު އަގުގައި އެކްސްޕޯޓް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެހުމުން މަހުގެ އަގު އުފުލޭނެ ކަމަށެވެ. އަދި ބޭރުގެ މާކެޓްގައި ރާއްޖޭގެ މަހުގެ އަގު އުފުލުމުން މަސްވެރިންނަށް ލިބޭ އާމްދަނީ މިހާރަށްވުރެ ބޮޑުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ދޯނިފަހަރުގައި މަސްފިނިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީވެސް މިއަހަރުގެ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްއޮޑިފަހަރުގައި މަސް ފިނިކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެވުމުން މަހުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށާއި އެއީވެސް މަހަށް ބޮޑުއަގު ހޯދޭނެ މަގެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރުވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިޞާދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި، މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިޚްލާޞްތެރި ނިޔަތަކާއެކު، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ބިނާކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުޞޫލަށް ކަމަށާއި، އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން