ގެއްލުވާލައި މަރާލާފައިވާކަމަަށް ޝައްކުކުރެވޭ ނޫސްވެރިޔާ މ. ޝައިނިންގ ސްޓަރ، އަޙްމަދު ރިޟުވާން ޢަބްދުﷲގެ މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބަލަން ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގެއް ފަށައިފިއެވެ.

އިއްޔެ ނެރުނު އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓްގައި ބުނީ ޝައިނިންގ ސްޓަރ، އަޙްމަދު ރިޟުވާން ޢަބްދުﷲ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައަކީ 2014 ސެޕްޓެންބަރު 2 ވަނަ ދުވަހު ކޮމިޝަނަށް ހުށަހެޅި، ކަމާގުޅުންހުރި އިދާރާތަކުން ޢަމަލުކުރަމުންދާ ގޮތް މޮނިޓަރ ކުރަމުންދިޔަ މައްސަލައެއްކަމަށެވެ.

ނަމަވެސް މި މައްސަލައަކީ އެތަކެއް އިންސާނީ ޙައްޤުތަކެއް ގެއްލިފައިވާ މައްސަލައެއްކަން ކޮމިޝަނުން ބެލިބެލުމުން އެނގެން އޮތުމުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތްތައް ދެނެގަތުމަށާއި، މި މައްސަލާގައި އެއްވެސް މުއައްސަސާއަކުން އިހުމާލުވެފައިވޭތޯ ދެނެގަތުމަށް ތަހުގީގެއް ހިންގުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް އެކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އަޙްމަދު ރިޟުވާން ޢަބްދުﷲ އާ ގުޅިގެން އެކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ ނަކަލު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނާ 2020 ސެޕްޓެންބަރު 22 ވަނަ ދުވަހު ޙިއްސާކޮށްފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ. އަދި މިމައްސަލައާ ގުޅިގެން ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ކުރަން ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ރިޕޯޓެއް 2020 ނޮވެންބަރު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްސާކޮށްފައިކަމަށްވެސް ހިއުމަންރައިޓްސް ކޮމިޝަނުން ބުނެފައި ވެއެވެ.

އެޗްއާރުސީއެމްގެ އިތުރުން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުންވެސް ދަނީ ރިޟުވާން ގެއްލުވާލާފައިވާ މައްސަލަ ތަހުގީގްކުރަމުންނެވެ. ނަމަވެސް އެމައްސަލައިގައި މިހާތަނަށް މާބޮޑު ކުރުމެއް ލިބިފައި ނުވާކަމަށް އާއިލާއިން ބުނާއިރު މައްސަލައިގެ ތަހުގީގު ލަސްވަމުންދާތީވެސް ރިޟުވާންގެ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު