މި އަހަރަށް ބަޖެޓްކުރެވިފައިވާ ނ. ލަންދޫ ފުޓްބޯޅަދަނޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރު ލަންދޫ ސްކޫލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށާއި، ލަންދޫގައި މިއަދު އިފްތިތާޙްކުރެވޭ ބަނދަރަކީ މި ގޮތުން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްގެން ފަރުމާކުރެވިފައިވާ ބަނދަރެއް ކަން ފާހަގަކޮށްފައެވެ.

ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން އެންމެ އިސްކަމެއްދީގެން އަލިއަޅުއްވާލައްވާފައި ވަނީ އޮޑިދޯނިފަހަރު އެހެލުމުގެ އިންތިޒާމް ފަހިކޮށްދެއްވުމަށާއި، ލަންދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޚާއްޞަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށެވެ. މީގެ އިތުރުން ވެސް ކުނީގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން އައުޓްޑޯ ޖިމެއް ޤާއިމުކޮށްދެއްވުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވިގޮތުގައި ލަންދޫ ބަނދަރަކީ ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރުމުގައި މި ސަރުކާރުން ރައްޔިތުންނާއި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މި އަހަރަށް ބަޖެޓްކުރެވިފައިވާ ފުޓްބޯޅަ ދަނޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެ މަނިކުފާނު ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދުނު ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ލަންދުއަކީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.



ކިޔުންތެރިންގެ ހިޔާލު