ކުރިއަށް މިއޮތް 3 ހަފްތާއެއްހާ ދުވަހަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވެދާނެ ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަޕްގްރޭޑް ކުރެވުނު ލަންދޫ ބަނދަރު އިފްތިތާހުކުރުމަށްފަހު އެރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ކޯވިޑްގެ ޙާލަތާގުޅޭގޮތުން، ޞިއްޙީ މާހިރުންނާއި، ކޯވިޑްގެ ޤައުމީ ޓާސްކްފޯހާއެކު އިއްޔެ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިކަމަށެވެ. އަދި ކޯވިޑްގެ އާ ވޭރިއަންޓް ރާއްޖެއިންވެސް ފެނިފައި ވުމާއެކު، ކުރިއަށްއޮތް 3 ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް އަނެއްކާވެސް މަތިވެ އެކަމުގެ ނުރައްކާ އެންމެ ބޮޑުވެދާނެ ދުވަސްތަކެއްކަމުގައި ސިއްހީ މާހިރުން ލަފާދެއްވާފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމުގައި އަމަލުކުރަންވީ ކުރިންވެސް ސިއްހީ މާހިރުން ދެއްވި އިރުޝާދާ އެއްގޮތަށްކަމަށެވެ. އަދި އޭރުން މިބަލިން ރައްކާތެރިވެވޭނެކަމަަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންގެ އެދިވަޑައިގަތުމަކީ ކުރިއެކޭވެސް އެއްގޮތަށް މިކަމަށް ސަމާލުވެ ވަޑައިގެން، ކުރަންޖެހޭވަރަށް ކުދިކުދި ކަންތައްތައް މިހިރީ، އެކަންތައްތައް ކޮށްލުން. ފުރަތަމަ ކަމަކަށް މާސްކު އެޅުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވިޔަފާރިތައް ބަންދު ނުކޮށް، އާންމު ހާލަތަކާއިގެން ކުރިއަށްދިއުމަށްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ މިހާރުވެސް މިސަރަހައްދުގައި ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެންމެ ހަރުދަނާކޮށް އަޅާފައިވާ ގައުމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ކުރިއެކޭވެސް އެއްގޮތަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު