ކޯވިޑް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ސަރުކާރުން އެ ލުއިތައް ދީފައިވަނީ، ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި ގިނަ ޢަދަދެއްގެ ބަޔަކު ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރުމާ ގުޅިގެންނެވެެ.

ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖެއިން ފެނުނު ފަހުން ކޮވިޑްގެ ނަމްބަރުތައް މިހާރު ވަނީ މަޑުމަޑުން އިތުރުވާން ފަށާފައެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެފައިވަނީ ކުރިއަށް މިއޮތް 3 ހަފްތާއެއްހާ ދުވަހަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު ގޯސްވެދާނެ ދުވަސްތަކެއް ކަމަށެެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ވަރުގަދަކޮށް ކަމާ ބެހޭ އިދާރާތަކުން އެފިޔަވަޅުތައް ތަންފީޒު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު މާލޭގައި ކޮވިޑް ނަމްބަރުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށް ފަހު އިއްޔެ ވަނީ 90 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ނ. ލަންދޫއަށް މިއަދު ވަޑައިގެން އެރަށު ރަައްޔިތުންނާއި ބައްދަލުކުރަައްވައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ކޯވިޑްގެ އާ ވޭރިއަންޓް ރާއްޖެއިންވެސް ފެނިފައި ވުމާއެކު، ކުރިއަށްއޮތް 3 ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ނަންބަރުތައް އަނެއްކާވެސް މަތިވެ އެކަމުގެ ނުރައްކާ އެންމެ ބޮޑުވެދާނެ ދުވަސްތަކެއްކަމަށް ސިއްހީ މާހިރުން ލަފާދެއްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިކަމުގައި އަމަލުކުރަންވީ ކުރިންވެސް ސިއްހީ މާހިރުން ދެއްވި އިރުޝާދާ އެއްގޮތަށްކަމަށެވެ. އަދި އޭރުން މިބަލިން ރައްކާތެރިވެވޭނެކަމަަށް ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންގެ އެދިވަޑައިގަތުމަކީ ކުރިއެކޭވެސް އެއްގޮތަށް މިކަމަށް ސަމާލުވެ ވަޑައިގެން، ކުރަންޖެހޭވަރަށް ކުދިކުދި ކަންތައްތައް މިހިރީ، އެކަންތައްތައް ކޮށްލުން. ފުރަތަމަ ކަމަކަށް މާސްކު އެޅުން." ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު