އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް މުހަންމަދު ނަޝީދު ކްރިސްމަސް ތަހުނިޔާ ފޮނުއްވާފައިވާ ކަމަަށް ބުނެ ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފަތުރަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށް، ދާދިފަހުން އަމިއްލަ ޖަމާއަތަކުންން ވަނީ ފުލުހުންނަށް މައްސަލައެއް ހުށައަޅާފައެވެެ. އެމައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކޮށް ރައީސް، މުހަންމަދު ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނަކީި އިސްލާމްދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުރުން ކަމަށެވެ. އެހެންވެ، އެކަންކަން ބަލައި، ފިޔަވަޅު އަޅަން ފުލުހުންގެ އިދާރާގައި ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެެ.

"ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އުއްމީދުގައި ހުރީމެވެ." ރައްޔިތުންގެ މަޖިލީހުގެ ލެޓަހެޑްގައި ރައީސް ނަޝީދު ނެރުއްވި އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް އެފަދަ ތުހުމަތުތައް ކުރަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުރަން ކަމަށްބުނެ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެމަނިކުފާނުގެ ދިފާއުގައި ތެދުވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު