ނ. އަތޮޅު ކައުންސިލުން އަތޮޅުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި އެއްކީލި އެއްޗެއްގެ ގޮތުގައި ބާއްވައިގެން ކަންކަން ކުރިޔަށް ގެންދިޔުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިޙް މިއަދު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިލަދުންމަޑުލު އަތޮޅު ކައުންސިލާއެކު މިއަދު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިޙް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒު ކުރުންކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ ވަކި ރަށެއްގެ މަސްލަޙަތު އިސްނުކޮށް ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ހާސިލްކޮށް ނަތީޖާ ނެރެވޭނެ ކަން ފާހަގަ ކުރައްވާފައެވެ. މި ގޮތުން އަތޮޅު ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، ބައެއް ރަށްރަށުގެ އިހްތިޞާޞާ ގުޅޭ ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވިސްނުމާއި، ފެރީ ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭ ކަންކަން ހިމެނެއެވެ.

މީގެ އިތުރުންވެސް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާޙުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ އިޤްތިޞާދީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ފުޅާ ދާއިރާއެއްގައި ރައީސާ މަޝްވަރާކޮށްފައެވެ. ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު