ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ގެރެންޓީއަކާ ނުލައި އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވައިދު ސަރުކާރުން އިސްލާހުކޮށްފިއެެވެ.

ސަރުކާރުން މާލިއްޔަތު ގަވައިދަށް ގެނައި ހަ ވަނަ އިސްލާހުގައި ބުނެފައި ވަނީ ބީލަމަށް ނުލާ ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ގެރެންޓީ އެއް ނެތި އެޑްވާންސް ޕޭމަންޓް ފައިސާ ދޫކުރެވިދާނެ ކަމަށެވެ. އަދި މިގޮތަށް ފައިސާ ދޫކުރެވޭ މަޝްރޫއުތަކަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ހަވާލުކުރާ މަޝްރޫއު ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖްގައި ލިސްޓްކޮށްފައިވާ ބަޔަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކެވެ.

އެފަދަ މަޝްރޫއުތަކުގައި އެ މަޝްރޫއުގެ އަގާއި، ބާވަތާއި، މަސައްކަތް ހަވާލުކުރާ ފަރާތުގެ މައުލޫމާތު ޓެންޑަ ބޯޑަށް ހުށަހެޅުމާއެކު މިނިސްޓަރުގެ ލަފާވެސް ލިޔުމުން ހޯދަން ޖެހެއެވެ.

ގަވާއިދަށް ގެނައި މި އިސްލާހުގައިވާ ގޮތުން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓް އަގުގެ 250،000 ރުފިޔާއަށް ވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކުގައެވެ. އަދި އެގޮތަށް ފައިސާ ދޫކުރެވޭނީ ވެސް މަޝްރޫއުގެ ޖުމްލަ އަގުގެ 15 ޕަސަންޓަށް ވުރެ ބޮޑު ނުވާ އަދަދަކަށްކަމަށް ގަވާއިދުގައިވެއެވެ. ނަމަވެސް ހާއްސަ ހާލަތެއްގައި މިނިސްޓަރުގެ ހުއްދައާއިއެކު 15 ޕަސަންޓަށް ވުރެ ބޮޑުކޮށް ވެސް އެޑްވާންސް ފައިސާ ދޫކުރެވޭނެ ގޮތްތައް ގަވައިދުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު