ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މަޖިލިސް އިދާރާ އެމަނިކުފާނުގެ ވާރުތަ މުދާގަނޑަކަށް ހައްދަވައިގެންކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު އަބްދުﷲ ނަޝީދު މުހައްމަދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ ރައީސް ނަޝީދު ޣައިރު ދީން ފަތުރަން މަސައްކަތް ކުރަށްވާ ކަމަށް ބުނެ އަމިއްލަ ޖަމާއަތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން އެކަމާއި ދެކޮޅަށް މަޖިލީހުގެ އިދާރާއިން ބަޔާނެއް ނެރުމުންނެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ އިދާރާގެ ލެޓަރ ހެޑްގައި ބަޔާނެއް ނެރުމުން އެކަމަށް މޮސްޓާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މޮސްޓާ ވިދާޅުވީ ‏މުޅި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ "ތިމާ އާއިލާގެ ވާރުތައިން ލިބުނު މުދާ ގަނޑަކަށް ހަދައިގެން އަމިއްލައަށް ޕުރޮމޯޓްވާން" ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާކަމަށެވެ. އެހެންކަމުން އެކުރާކަންތައް މިހާރުން މިހާރަށް ހުއްޓާލުމަށް މެމްބަރ ނަޝީދު ވަނީ ގޮވާލައްވާފައެވެ.



މަޖިލީހުގެ އިދާރާއިން މިދިޔަ އަންގާރަދުވަހު ނެރުނު އެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އޮތް މެސެޖެކެވެ. އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީި އިސްލާމްދީނާ ދެކޮޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ދީނީ ހަރުކަށި މީހުން ހިތްރުހޭ ރާގަށް އެމަނިކުފާނާ މެދު އެފަދަ ތުހުމަތުތައް ކުރަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭގެ ބޭނުމަކީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުރުން ކަމަށެވެ. އެހެންވެ، އެކަންކަން ބަލައި، ފިޔަވަޅު އަޅަން ފުލުހުންގެ އިދާރާގައި ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެެ.



ކިޔުންތެރިންގެ ހިޔާލު