ގައުމިއްޔަތުގެ ބިންގާ ވަރުގަދަކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޒިންމާއެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން އިމްރާން ހުރަވީ ދުވަހުގެ މުނާސަބާތުގައި ޓްވިޓަރ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖުގައި ގައުމީ ދުވަހެއް ފާހަގަކުރަމުންދާއިރު ހުރިހާ ގައުމީ ބަތަލުންގެ ޒިކުރާތައް އާކޮށް، އެބޭފުޅުން ގައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން އާކުރަންޖެހޭކަން ފާހަގަ ކުރެއްވި އެވެ. އަދި ގައުމީ ދުވަސްތައް އާކުރެވިގެންދާއިރު ގައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ގައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ،‏ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ އެންމެ މަތިވެރި ބަހާތަކަކީ އިސްލާމް ދީނާއި ދިވެހި ބަހާއި ތާރީހާއި ސަގާފަތްކަމަށާއި މިކަންކަން ދިރުވާ އާލާކުރުމުގައި ކޮންމެ ފަރުދެއްގެ ބޮޑު ޒިންމާއެއް އޮންނަކަމަށެވެ. އަދި އެ ޒިންމާ އަދާކުރުމުން މެނުވީ އަންނަ އޮތް ޖީލުތަކާއި ހަމައަށް ގައުމު މިނިވަންކަމާއެކު ފޯރުކޮށްދިނުމަކީ ނުވާނެކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.

"އެހެންކަމުން އެންމެން މިއަދު އަޒުމް ކަނޑައަޅަންވީ ގައުމިއްޔަތު އަންނަން އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުން.. އިސްލާމް ދީނުގެ އިއްޒަތާއި ޝަރަފާއެކު ގައުމިއްޔަތުގެ އިސްތިގުލާލު އަންނަން އޮތް ޖީލުތަކަށް ގެންދިއުން" އިމްރާން ވިދާޅުވިއެވެ.



ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާމަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ، ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ.

މި ދުވަސް ނިސްބަތް ވަނީ ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާއަށެވެ.



ކިޔުންތެރިންގެ ހިޔާލު