ރައްޔިތު މީހާގެ ޖީބަށް ކަރަންޓު ބިލުން ލުއި ފަސޭހަތަކެއް ގެނެސްދޭން މަސައްކަތްކޮށްދިނީ ހަމައެކަނި އަދުގެ ސަރުކާރުންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވެފައިވަނީ ހޯމް ސޯލާ ޕްރޮގްރާމު ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ސައީދު ދެއްކެވި ވާހަކަފުޅުގައި ހޯމް ސޯލާ ޕްރޮގްރާމަކީ ސީދާ ރައްޔިތު މީހާގެ ޖީބަށް ކަރަންޓު ބިލުން ލުއި ފަސޭހަ އަދި ހިތްހަމަޖެހުން ގެނެސްދޭނެ ޕްރޮގްރާމެއްކަން ފާހަގަކުރަށްވާފައި ވެއެވެ. އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ވިސްނުމެއްވެސް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުގެންގުޅުއްވާ ކަމަށްވެސް އަހުމަދު ސައީދް މުހައްމަދު ވިދާޅުވިއެވެ.

"މިކަން ހާސިލު ކުރުމަށްޓަކައި އަޅުގަނޑަށް މިއަދު ދަންނަވަން ކެރިދާނެ ހަމަ ކެރުނު އެއްވެސް ސަރުކާރެއް ނެތްކަމަށް. އެހެންނަމަވެސް އަދުގެ ސަރުކާރުން، ސަރުކާރުގެ ސިޔާސަތުތަކާއިއެއްކޮށް މިކަން ތަންފީޒު ކުރުމަށްޓަކައި، އަޅުގަނޑުމެންނަށް ކެނޑިނޭޅި އިރުޝާދު، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވަމުން ދިއުމީ އަޅުގަނޑުމެންނަށް މިކަން ހާސިލުވުމަށް އެޅިގެންދިޔަ އެންމެ މުހިންމު އެއްފިޔަވަޅު." އަހުމަދު ސައީދް މުހައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ބޭނުންފުޅަކީ ތެލަށް ބަރޯސާވުން ކުޑަކޮށް ރައްޔިތު މީހާގެ ޖީބަށް ކަރަންޓު ބިލުން ލުއިގޮތެއް ހޯދައި ދިނުންކަމަށްވެސް އެމް ޑީ ސައީދްގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދު ސޮއިކުރި ހޯމް ސޯލާ ޕްރޮގްރާމުގެ ދަށުން 1000 އާއިލާ ނުވަތަ ގެދޮރަށް މިކަމުގެ ލުއިފަސޭކަން ލިބިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

ހޯމް ސޯލާ ޕްރޮގްރާމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަންޕްލޭންގައި ހިމަނާފައިވާ، 2023 ގެ ނިޔަލަށް އިރުގެ އަލިން މަދުވެގެން 10 މެގަވޮޓްގެ ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުސޫލުން ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށާއި އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހި ރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ އަމާޒު ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން، އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 20 މިލިއަން ރުފިޔާ އިންވެސްޓުކޮށް ފަށާ ރިވޯލްވިންގް ފަންޑެއްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހޯމް ސޯލާ ޕްރޮގްރާމު ހިންގުމަށް މިނިސްޓްރީ އޮފް އެންވާރޮމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލީޖެ ފަރާތުން ފެނަކަ ކޯޕަރޭޝަނާއި މިއަދު ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުން މި މަޝްރޫޢު ހިންގުމަށް ފެނަކައާއި ހަވާލުކުރާ ފައިސާއިން 2 ކިލޮވަޓްގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޞައްދާމު

10-Jan-2022

ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދޭ!


5

ޞައްދާމު

10-Jan-2022

ކޮންޓްރެކްޓަރުންނަށް ފައިސާއެއް ނުދޭ!