ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު އަޅަމުންދާކަން ކަށަވަރު ކުރަން ރައީސް އޮފީހުން ފުލުހުންނަށް މިއަދު އަންގައިފި އެވެ.

ރައީސް އޮފީހުން އެގޮތަށް އަންގާފައިވަނީ ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ކޮވިޑް-19 އަނެއްކާ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިދާނެކަމުގެ އިންޒާރު، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އާ ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ދެއްވާފައިވަނިކޮށެވެ. ރައީސް އޮފީހުން ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައި ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާއިރު އެ ސިޓީގެ ކޮޕީ ހެލްތު މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީ އަދި އެޗްޕީއޭއަށް ވެސް ރައީސް އޮފީހުން ވަނީ ފޮނުވާފައެވެ.

ރައީސް އޮފީހުން މި ސިޓީ ފޮނުވާފައިވަނީ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓުގެ ރިސްކް އެެސެސްމެންޓަށް ރިއާޔަތް ކޮށެވެ. ބަލި ކޮންޓްރޯލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މިދިޔަ ހޯމަ ދުވަހު ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމުގައި ބައެއް ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

އަޅަން ނިއްމި ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި ޕޮލިސް ލެބޯޓަރީގައި ކޮވިޑް ޓެސްޓު ހަދަން ފެށުން ހިމެނެއެވެެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކުރުމަށާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އަޅަމުންދާކަން ތަންފީޒީ އިދާރާތަކުން ކަށަވަރު ކުރުމަށް ވަނީ ނިިއްމާފައެވެ. މާސްކް ނާޅާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު އެޗްޕީއޭގެ ގައިޑްލައިނުން ފުލުހުންނަށް ވަނީ ދީފައެެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖޭގެ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް އަނެއްކާ ވެސް ކޭސްތައް މިހާރު ވަނީ އިތުރުވާން ފަށާފައެެވެ. ކޮވިޑު ނަމްބަރުތައް ކުއްލިއަކަށް އިތުރުވާން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކޮވިޑުގެ އޮމިކްރޮން ވޭރިއަންޓު ރާއްޖެއިން ފެނުނު ފަހުންކަން ފާހަގަކޮށްލެވެއެވެ. މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއިން މިހާރު ވަނީ މާލެ ސިޓީގައި ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ވެސް ހުއްޓުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު