ރާއްޖޭގައި އަލަށް ފަށާ ހައި އިމްޕެކްޓް ގްރާންޓް ޕްރޮޖެކްޓްގެ މޮބިލައިޒޭޝަން މަސައްކަތް ފެށުމަށް 5.49 މިލިއަން ރުފިޔާ އިންޑިއާއިން ދިވެހި ސަރުކާރަށް ދީފިއެވެ.

ރާއްޖޭގައި އަލަށް ފަށާ ހައި އިމްޕެކްޓް ގްރާންޓް އަށް ޕްރޮޖެކްޓްގެ އެމްއޯޔޫތަކުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ހަތް އަތޮޅެއްގެ އަށް ރަށެއްގައި ހިންގާ މި މަޝްރޫއުތަކަށް 36.5 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފައެވެ.

އެމަޝްރޫއުތަކުގެ ތެރޭގައި ތ. ތިމަރަފުއްޓާއި އެ އަތޮޅު ވޭމަންޑޫގައި މަގުބައްތި ޖެހުމުގެ މަސައްކަތާއި ލ. މާބައިދޫގައި އައިސް ޕްލާންޓް ގާއިމް ކުރުމާއި އދ. ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ވެސް ހިމެނެއެވެ. އަދި ނ. މިލަދޫ ކައުންސިލް އިމާރާތް ބިނާކުރުމާއި ގދ. ތިނަދޫ އަބޫބަކުރު ސްކޫލް، ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް ގާއިމްކުރަން ބޭނުންވާ ފައިސާ ވެސް އޭގެތެރޭގައި ހިމެނެއެވެެ.

މީގެއިތުރުން އެމްއެންޑީއެފަށް ބޭނުންވާ ސީ އެމްބިއުލެންސް ހޯދުމާއި، މާލޭގެ އޮލިމްޕަސް ތިއޭޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުން ވެސް އެ މަޝްރޫއުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން މައުލޫމާތު ދޭގޮތުގައި ދެހާސް ނަވާރަ ވަނަ އަހަރުގެ މާޗު މަހު ދޫކުރި 85 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައި އިމްޕެކްޓް 12 މަޝްރޫއެއް ރަށު ކައުންސިލްތަކުން މިހާރު ވެސް ހިނގަމުންދެއެވެެ. ހައި އިމްޕެކްޓް ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ-ރާއްޖެ ތަރައްގީގެ ޕާޓްނާޝިޕްގެ މުހިންމު އެއް ތަނބު ކަމަށް އިންޑިޔާ އެމްބަސީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު