މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ނައިޓް މާކެޓް ހުއްޓުވުމަށް ފަހު، އެޗްޕީއޭގެ މިންގަނޑާ އެެއްގޮތަށް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީކައުންސިލުން ބުނީ މާލެއާއި ހުޅުމާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހާއްސަ ތަންތަނުގައި އެފަދަ މާކެޓްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް ނިންމުމުން އެކަމަށް އެދުނު ފަރާތްތަކަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ބޮޑެތި ހަރަދުތަކެއް ކޮށް ނައިޓް މާކެޓް ބާއްވަމުން ދަނިކޮށް އެޗްޕީއޭއިން އެކަން ހުއްޓުވަން އަންގާފައިވާ ކަމަށް މާލޭ ސިޓީކައުންސިލުން ކުރިން ބުނެފައިވެއެވެ.

އެހެން ނަމަވެސް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން އާންމު ފިހާރަތަކުގައި ވިޔަފާރިކުރާ އުސޫލުން ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެ ކައުންސިލަށް މިހާރުއަންގާފައިވާ ކަމަށް ސިޓީކައުންސިލުން ބުނެ އެވެ. އެހެން ކަމުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ބަދަލުވެ ބަލިޖެހޭ މީހުންގެ އަދަދު 300އިން މައްޗަށް އަރަމުން ދާއިރު ގިނަބަޔަކު ޖަމާވެ މަސްހުނިވާގޮތަށް ބާއްވާ ހަރަކާތްތަކަކީ ކަނޑައެޅިގެން ކޮވިޑްގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ބަދަލުވެ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމެއްކަން ޔަގީވާއިރު މާލޭ ސިޓީ ކައުންސިލް ފަދަ މުއައްސަސާއަކުން އެކަމަށް ތަރުހީބުދޭ މޭރުމަކުން އަމަލު ކުރުމަކީ ގިނަބަޔަކު ކަންބޮޑުވާނެ ކަމެކެވެ.

ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ. ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ސިޓީކައުންސިލުން ވަނީ ވިއްކާފައެވެ. ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އިން އިންތިޒާމްކުރާ ނައިޓް މާކެޓް ސްޕޮންސަރ ކޮށްފައިވަނީ އުރީދޫންނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު ކުރިއަށް އޮތް ތިން ހަފްތާގައި ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުންނާއި ހަވާލާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައެވެ.

ފާއިތުގެ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވް އަދަދު ވަނީ 300 އިން މައްޗަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު