އިޓަލީ ވިލާތުން އިންޑިއާއަށް ޗާޓަރފްލައިޓަކުން ދަތުރު ކުރި 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އިޓަލީގެ މިލާނުން އިންޑިއާގެ އަމްރިތުސަރަށް ދަތުރުކުރި މި ފްލައިޓުގައި 179 ފަސިންޖަރުން ދަތުރު ކުރިކަމަށްވެއެވެ. މީގެ ތެރެއިން 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ އިންޑިއާއަށް އެތެރެވުމަށްފަހު ހެދި ޕީސީއާރް ޓެސްޓުންނެވެ.

އިންޑިއާގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކާއި އެއްގޮތަށް މިފްލައިޓުން ދަތުރު ކުރި މީހުން ޓެސްޓު ކުރި ނަމަވެސް، މިގަވާއިދުގައި ކުޑަކުދިން ކޮވިޑް ޓެސްޓު ކުރުން އިސްތިސްނާވެފައިވާތީ، މިފްލައިޓުން ދަތުރުކުރި އެއްވެސް ކުޑަކުއްޖަކު ކޮވިޑް ޓެސްޓުކޮށްފައެއް ނުވެއެވެ. މި ފްލައިޓުގައި ދަތުރުކުރި 179 ފަސިންޖަރުންގެ ތެރޭގައި 19 ކުޑަކުއްޖަކު ހިމެނޭކަމަށްވެއެވެ.

އެއް ފްލައިޓަކުން މިހާގިނަބަޔަކު ޕޮޒިޓިވްވެފައިވަނީ، ބަލިފެތުރުމުގެ ހައި ރިސްކު އޮތްގައުމަކުން ދަތުރުކުރި ބަޔަކަށް ވާތީކަމަށް އިންޑިއާގެ ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އިޓަލީ ވިލާތަކީ އިންޑިއާގެ ހެލްތު މިނިސްޓްރީއިން ކޮވިޑާ ގުޅިގެން ކަނޑައަޅާފައިވާ "އެޓް ރިސްކު" ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކަނޑައަޅާފައިވާ "އެޓް ރިސްކު" ލިސްޓުގައި ހިމެނޭ ގައުމުތަކުން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން، އިންޑިއާއަށް އެތެރެވުމަށްފަހު ކޮވިޑް ޓެސްޓު ހެދުން މަޖުބޫރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން