ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ސަރުކާރު މަޝްރޫއުތައް ފަށަނީ ކެމްޕޭނާއި ދިމާކޮށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށާއި، އެހެން ނަމަވެސް އަންނަ ހަފުތާގައި ކޮމަންޑޫ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކެއް ފަށާނެ ކަމަށެވެ.

އެ މަޝްރޫއުތަކާއި ކެމްޕޭނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެއީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮމަންޑޫގެ ބޯހިޔާވަހި ކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫ އާއި ގުޅާލުން ކަމަށާއި، އެމަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ.

ސަރުކާރުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ކުރިއަށް ގެންދިޔުން ކަމަށާއި، އެވިސްނުމާއި މުޅިން އިދިކޮޅު ބަޔަކު މަޖިލީހަށް އިންތިޚާބު ކުރުމަކީ ސަރުކާރަށް އުނދަގޫ ވާނެ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމްޑީޕީ އާއި ވާދަވެރިންގެ ފިކުރަކީ މަރުކަޒީ ނިޒާމެއް ގާއިމްކޮށް އެއްތަނަކަށް މީހުންނާއި ޚިދުމަތްތަށް ޖަމާކުރުން ކަމަށާއި، އެއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫގައި ހިއްކާފައިވާ ކުޑަ ބިންކޮޅުން ގޯތި ދޫކުރާނެ ކަމަށެވެ. ގާނޫނީ ގޮތުން އެކަން ކުރެވޭނީ ކޮމަންޑޫ ކައުންސިލުން އެރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުން ކަމަށާއި އެމަސައްކަތް ނިމުނުހާ އަވަހަށް ކޮމަންޑޫން ގޯތި ދޫކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

ކޮމަންޑޫ ކައިރީގައި ޓޫރިޒަމްގެ މަސައްކަތް ފެށިގެން ދިޔުމަކީ ވެސް ކޮމަންޑޫ ރައްޔިތުން އެދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ އެރަށުގެ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމުގެ މަސައްކަތް ކެމްޕޭނާ ގުޅުވިޔަސް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމަންޑޫގެ ބަނދަރު ވަރަށް ފަހުން ހަދާ ނިމުނު ނަމަވެސް ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް އެރަށުގެ މަސްވެރިން އެދޭތީ އެ މަސައްކަތް ފެށުމަށްޓަކައި ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް އަންނަ ހަފްތާ ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރަށް ބަޖެޓް ކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެެވެ.

ރައީސް ސޯލިހް ވިދާޅުވީ އެރަށު ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.

ފޯކައިދޫގެ ފެނާއި ނަރުސަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބަނދަރުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެެ. އަދި ފެނަކައިގެ އާ އިންޖީނުގެއާ ފޯކައިދޫ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީވެ އެމަސައްކަތް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

"މިދާއިރާ އަށް ކުރިމަތިލާފައިވާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އަޅުގަނޑު ދަންނަވާލާނީ އިހަށް މަޑުކޮށްލައްވާށޭ، އަޅުގަނޑުމެން ވީ ވައުދުތަކެއް އެބަހުއްޓޭ މިދަނީ ބަރާބަރަށް ވައުދުތައް ފުއްދަމުން. މިކަން ކުރެވޭނީ އެމްޑީޕީއަށް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދުމަށް ރާޝިދު ވޯޓް ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އެ ދާއިރާއަށް ކެންޑިޓުން ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ރައީސް، ރައީސް އަބުދު ﷲ ޔާމިނާއި އެމްއެންޕީގެ ރައީސް ކާނަލް މުހަންމަދު ނާޒިމަށް ވަނީ ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

"ތިބޭފުޅުން ވޯޓް ދެއްވަންވާނީ ޑްރަގުގެ ވިޔަފާރި އާއި ވަގުފާރީ އާއި ދެކޮޅަށް، ދައުލަތުގެ ފައިސާ އިން މަނީލޯންޑަރ ކުރުމާއި ވެސް ދެކޮޅަށް. އަދި ބަޣާވާތާއި ވެސް ދެކޮޅަށް. މިހުރިހާ ކަމަކަށް ނޫނެކޭ ބުނާ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓް ރާޝިދު." ރައީސް ޔާމިން އާއި ކާނަލް ނާޒިމްގެ ނަން ވިދާޅުނުވެ އެ ދެބޭފުޅުންނަށް ނިސްބަތް ކުރައްވައި ރައީސް ސޯލިހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު