އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ޖާގައެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ދަނީ ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންކަމަށެވެ. އެގޮތުން ކުރިން ނުވާނެކަމަށް ބުނި އެތައްކަމެއް މި ސަރުކާރުން ކޮށްދީ ނިންމާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި އެންމެ ކުޑަ އުޖޫރައާއެކުވެސް އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިނިމަމްވޭޖާއެކު އެތައް ބަޔަކަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނޭކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ހެދުމުގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމުގައިވެސް ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތުން އެކަންކަން ހުއްޓުވަން މަސައްކަތްކުރާކަމަށާއި، ނަމަވެސް ސަރުކާރުން އެ ފުރުސަތު ނުދެއްވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެބޭފުޅުން އަވަހަށް އައުޓްވިއެއްކަމަކު އަޅުގަނޑުމެން ޖާގައެއް ނުދޭނަން ދިވެހިރާއްޖެއަށް މިއައި ބަދަލުތައް އައުޓްކޮށްލައިގެން އެބޭފުޅުން ބޭނުންގޮތަކަށް ކަންތައް ކުރާކަށް." ފައްޔާޒް ވިދާޅުވިއެވެ.



އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވަނީ އެ ދާއިރާއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މި ސަރުކާރު މަޝްރޫއުތައް ފަށަނީ ކެމްޕޭނާއި ދިމާކޮށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށާއި، އެހެން ނަމަވެސް އަންނަ ހަފުތާގައި ކޮމަންޑޫ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކެއް ފަށާނެ ކަމަށެވެ.

އެ މަޝްރޫއުތަކާއި ކެމްޕޭނާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އެއީ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވެފައިވާ ވައުދުތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮމަންޑޫގެ ބޯހިޔާވަހި ކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫ އާއި ގުޅާލުން ކަމަށާއި، އެމަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ.

ސަރުކާރުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ކުރިއަށް ގެންދިޔުން ކަމަށާއި، އެވިސްނުމާއި މުޅިން އިދިކޮޅު ބަޔަކު މަޖިލީހަށް އިންތިޚާބު ކުރުމަކީ ސަރުކާރަށް އުނދަގޫ ވާނެ ކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމްޑީޕީ އާއި ވާދަވެރިންގެ ފިކުރަކީ މަރުކަޒީ ނިޒާމެއް ގާއިމްކޮށް އެއްތަނަކަށް މީހުންނާއި ޚިދުމަތްތައް ޖަމާކުރުން ކަމަށާއި، އެއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު