ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓް އޮމިކްރޯނުން ރައްކާތެރިވުމަށް އުފައްދާ ވެކްސިން މާރޗް މަހު ނިމޭނެކަމަށް ވެކްސިން އުފައްދާ ކުންފުނި، ފައިޒަރ އިން ހާމަކޮށްފިއެވެ.

ފައިޒަރ ކުންފުނީގެ ސީއީއޯ ވިދާޅުވި ގޮތުގައި، ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓް އޮމިކްރޯނުން ރައްކާތެރިވުމަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދަނީ ވަރަށްވެސް ހަލުވިކަމާއެކުއެވެ. އެގޮތުން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިވެކްސިން ތައްޔާރުކޮށް ނިމޭނެކަމަށް ފައިޒަރ ކުންފުނީގެ ސީއީއޯ އަލްބަރޓް ވިދާޅުވިއެވެ.

އަދި މިވޭރިއަންޓުން ރައްކާތެރިވާން ވަކި ހާއްސަ ވެކްސިނެއް ބޭނުންވާނެކަން ތަހުލީލުތަކުން އެނގެން ނެތް ނަމަވެސް، މިހާރު އުފައްދަމުންދާ ވެކްސިން ވެގެންދާނީ ކޮވިޑުގެ ނުރައްކާތެރި އެކި ވޭރިއަންޓުތަކުން ރައްކާތެރިވުމަަށް އޮތް އުއްމީދެއްކަމަށް ފައިޒަރއިން ބުނެއެވެ.

ފައިޒަރގެ އިތުރުން ވެކްސިން އުފައްދާ މޮޑަރނަރ ކުންފުނިންވެސް ދަނީ އޮމިކްރޯނަށް ހާއްސަ ވެކްސިން ބޫސްޓަރ ޑޯޒެއްގެ ތަހުލީލުތައް ކުރަމުންނެވެ.

ކޮވިޑް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްވެފައި އޮތުމަށްފަހު ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓާގެ ސަބަބުން ކޯވިޑްގެ އަދަދުތައް މައްޗަށް ދާން ފަށާފައިވާ ކަމަށް ގިނަ ގައުމުތަކުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން މިބަލި ޖެހޭ މިންވަރު ހަފްތާއެއްގެ ތެރޭގައި ދެގުނައަށް އިތުރުވެގެން ދިޔަކަން އެކި ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން