އެމްޓީީސީސީއާ މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތު
އެމްޓީީސީސީއާ މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތު
ރ. އުނގޫފާރުގެ ނެރު ބަދަލުކުރުމާއި، ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އުނގޫފާރު ނެރު ބަދަލުކުރުމުގެ މަސައްކަތަކީ 18 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 41،980 ކިއުބިކް މީޓަރު ބަނދަރާއި ނެރު ފުންކުރުމާއި 162 މީޓަރު ބޭރުތޮށި ޖެހުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުންވެސް ހިމެނެއެވެ.

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ 26 މިލިއަން ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން 45،023.84 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 140 މީޓަރު ބޭރުތޮށި ޖެހުމާއި، 85 މީޓަރު ރިވެޓްމަންޓް ޖެހުމުގެ އިތުރުން 28 މީޓަރު އެއްގަމުތޮށި ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން 129 މީޓަރުގެ އެއްގަމުތޮށި ޖެހުމާއި، 26 މޫރިން ރިންގް ހަރުކުރުމާއި، ފަސް މޫރިންގެ ބޮއި ހަރުކުރުމުގެ އިތުރުން ރޭމްޕް ހެދުމާއި 641 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ނުވަ މަގު ބައްތި ޖެހުން ހިމެނެއެވެ. ހަމައެއާއެކު މިހާރުގެ ބަނދަރުގައި ހުރި މަރާމާތުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން