އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތައް ހޯދަން ކުރި މުޒާހަރާއެއް، އެގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރުން އަނިޔާވެރިގޮތަކަށް ހުއްޓުވައިފިއެވެ.

އަންހެނުންގެ ހައްގުތައް ހޯދުމަށް ވިއްސަކަށް އަންހެނުން ނުކުމެ އަފްޣާނިސްތާނުގެ ކާބުލް ޔުނިވަރސިޓީ ކައިރީ ކުރި މުޒާހާރާ ހުއްޓުވުމަށް ތާލިބާނުންގެ ސިފައިން ވަނީ ޕެޕަރ ސްޕްރޭ ޖެހުމުގެ އިތުރުން ބަޑި ދިއްކޮށް ބިރުދައްކާފައެވެ. މިމުޒާހަރާ ހުއްޓުވުމަށް ކުރި މަސައްކަތުގެ ތެރެއިން ތިން އަންހެނަކަށް އަނިޔާވެ ހޮސްޕިޓަލަށްވެސް ގެންގޮސްފައިވެއެވެ.

ތާލިބާނުގެ ބާރުގެދަށަށް އަފްޣާނިސްތާނު އައުމާއެކު އަންހެނުންގެ އެތައް ހައްގުތަކެއް ވަނީ ނިގުޅައިގަނެފައެވެ. އެގޮތުން އަންހެން ކުދިން ސްކޫލަށް ފޮނުވުން މަނާ ކުރުމާއި، ބުރުގާ އެޅުން މަޖުބޫރު ކުރުވުމާއި، ވަޒީފާތަކަށް އަންހެނުން ނުކުތުމަށް ހުރަސް އެޅުންފަދަ ކަންކަމަކީ ތާލިބާނުންނަށް ބައިނަލްއަގްވާމީ މުޖުތަމައު އެންމެ ބޮޑަށް ޕްރެޝަރ ކުރާ މައްސަލަތަކެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތަކަށް އަރައިގަތުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ އެތައް އެހީގެ ފަންޑުތަކެއް ވަނީ ގަނޑުކޮށްފައެވެ. އަދި ގަނޑުކޮށްފައިވާ މި ފަންޑުތައް ދޫކޮށްލުމަށްވެސް ގައުމުތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން