މ. މަޑުއްވަރީގެ މިސްކިތެއް (ރަސް ފޮޓޯ)
މ. މަޑުއްވަރީގެ މިސްކިތެއް (ރަސް ފޮޓޯ)
ރާއްޖޭގެ 7 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ޖަމާޢަތުގައި މިއަދު ޢީދު ނަމާދު ކޮށްފިއެވެ.

ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ ރަނގަޅު ކަމުގައި ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ރަށެއް، މޮނީޓަރިންގެ ޙާލަތުން ދޫކޮށްލާތާ 14 (ސާދަ) ދުވަސް ނުވާނަމަ، އެ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވާތީ، އެ ރަށްރަށުގެ މިސްކިތްތަކުގައިވެސް ޖަމާޢަތް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަދު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރާ 7 ރަށަކީ، މިވަގުތު މޮނިޓަރިންގެ ޙާލަތުގައިވާ މާލެ ސިޓީއާއި ށ.ނަރުދޫއާއި ނ.މަނަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވާލިފަހުން އަދި 14 ދުވަސްނުވާ 4 ރަށް ކަމަށްވާ ކ.ހިންމަފުއްޓާއި ކ ތުލުސްދޫއާއި ހއ.ތަކަންދޫގެ އިތުރުން ށ.މިލަންދޫއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތައް ނުހުޅުވާ ރަށްތަކާއި ރިސޯޓުތަކުގައި، ކުރިއެކޭވެސް އެއްގޮތަށް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި " صلوفي بيوتكم " މިފަދައިން 2 ފަހަރު ގޮވުމަށް އަންގަވާފައެވެ. އަދި މި ދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ފަރުޟު ފަސް ނަމާދާއި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކުރުމަށާއި، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް އެ މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި މިސްކިތުގެ ޖަމާޢަތް ހެދުމަށް ހުއްދަ ދީފައިވާ ރަށްތަކުގައި ކޮންމެ ނަމާދެއްގައިވެސް ޤުނޫތު ނާޒިލާ ކިޔުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން