ޕާކިސްތާނު ޖަލެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހަކު ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިހާނުން އެންމެ މަތިން މާކްސް ހޯދައިގެން ސަރުކާރުގެ ސްކޮލަރޝިޕެއް ހާސިލުކޮށްފިއެވެ.

ޕާކިސްތާނުގައި އޮތް ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިހާނުން އެންމެ މަތިން މާކްސް ހޯދައިގެން ސްކޮލަރޝިޕް ހާސިލުކޮށްފައިވަނީ ސައީދު ނައީމް ޝާހު ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ މީހެކެވެ. 2010 ވަނަ އަހަރު ހިނގި ދެބަސްވުމެއްގައި ބަޑިން ހަމަލާދީ މީހަކު މަރާލުމުގެ ކުށުގައި އޭނާ 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ 2018 ވަނަ އަހަރުއެވެ.

ހުކުމްކުރުމާއި ހަމައަށް އޭނާ ޖަލުގައި ހުރި މުއްދަތާއި އޭނާގެ އަހުލާގު ހުރި ގޮތުންނާއި ތައުލީމީ ކުރިއެރުމާއި ލޭ ހަދިޔާ ކުރާތީ، އޭނާގެ ޖަލު ހުކުމުގައި ބާކީ އޮތީ 6 އަހަރެވެ.

މިދިޔަ އަހަރު ބޭއްވި މަތީ ސާނަވީ އިންތިހާނުގައި ސައީދު އެންމެ މަތިން މާކްސް ހޯދާފައިވަނީ އަމިއްލަ ގޮތުން ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިންނެވެ. މިއާއެކު އޭނާއަށް ވަނީ ޕާކިސްތާނުގެ އިންސްޓިޓިއުޓް އޮފް ޗާޓަރޓަޑް އެކައުންޓަންޓްސްއިން ސްކޮލަރޝިޕެއް ލިބިފައެވެ.

މިސްކޮލަޝިޕަށް ދައްކަންޖެހޭ 1 މިލިއަން ރުޕީސް ދައްކައިދޭނީ ޕާކިސްތާނުގެ ސަރުކާރުންނެވެ.

ކަރާޗީގެ ސެންޓްރަލް ޖަލުގެ ކްލާސްރޫމެއްގައި ހުރެގެން ރޮއިޓާސްއާ ވާހަކަދައްކަމުން ސައީދު ބުނީ އޭނާ ކުޑައިރު ވަރަށް ބޮޑަށް ކިޔަވާ ހިތުން ކިޔެވިކަމަށާއި، ނަމަވެސް އާއިލާގެ ތަނަވަސްކަން ނެތުމުން ކިޔެވުން ހުއްޓާލަންޖެހުނީކަމަށެވެ. އަދި ޖަލުގައި ކިޔަވަމުން ދިޔައިރު ޖަލުގައި ތިބި އުމުރުން ދުވަސްވީ ގައިދީންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނުކަމަށް ސައީދު ބުންޏެވެ.

ޕާކިސްތާނުގެ ގިނަ ޖަލުތަކެކޭ އެއްގޮތަށް ސައީދު ހުކުމް ތަންފީޒުކުރާ ޖަލަކީވެސް ތޮއްޖެހިފައި އޮތް ޖަލެކެވެ. އެ ޖަލުގެ ޖާގައަކީ 2400 މީހުން ނަމަވެސް، އެ ޖަލުގައި 6000 ވަރަކަށް ގައިދީން އެބަތިއްބެވެ. މީގެއިތުރުން އެ ޖަލުތަކުގެ ހާލަތު ވަރަށް ދަށްކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

ސައީދަކީ އެ ދަށް ހާލަތުގައިވެސް އެޖަލުގައި ކިޔަވަމުންދާ 1200 އެއްހާ މީހުންގެ ތެރެއިން މީހެކެވެ. ނަމަވެސް ސައީދު ހޯދި ކާމިޔާބީއާ އެއްވަރުގެ ކާމިޔާބީއެއް ޖަލުގައި ހުރި އެހެން މީހަކު ހޯދާފައިނުވާކަމަށް ޖަލުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް ވިދާޅުވިއެވެ.

ސައީދު ބުނީ ޖަލުގައި ހުރެގެން ސްކޮލަރޝިޕް ކުރިއަށްގެންދާވަރަށް ވުރެ ކޯސް އުނދަގޫވާނެކަމަށެވެ. އަދި އިންތިހާނުގެ ކުރިންވެސް އޭނާގެ މައްޗަށް އިއްވި ހުކުމް ސިންދު ޕްރޮވިންސްގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާކަމަށެވެ. އަދި އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލްކޮށްދިނުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އަދި ސިންދު ޕްރޮވިންސްގެ ޗީފް އެގްޒެކްޓިވްގެ އަރިހުނއ އެދޭކަމަށް އޭނާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން