މާލޭގައި އަލަށް އިމާރާތް ކުރާ މިސްކިތެއް- ރާއްޖޭގެ ބައެއް ރަށްރަށުގައި ޖަމާއަތް ހެދުން މިހާރުވަނީ ހުއްދަކޮށްފައި
މާލޭގައި އަލަށް އިމާރާތް ކުރާ މިސްކިތެއް- ރާއްޖޭގެ ބައެއް ރަށްރަށުގައި ޖަމާއަތް ހެދުން މިހާރުވަނީ ހުއްދަކޮށްފައި
ޙަސަދަވެރިކަމާއި، ބައިބައިވުމާއި، އަރައިރުންތަކުން ދުރުހެލިވުމަށް މިއަދުގެ ޢީދު ނަމާދުގެ ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ އީދު ހުތުބާގައި ބުނެފައި ވަނީ، މިއަދު ޢަޒުމް ކަނޑައަޅަންވީ ޙަސަދަވެރިކަމާއި، ބައިބައިވުމާއި، އަރައިރުންތަކުން ދުރުހެލިވުމަށް ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރުމަށް މިއަދުގެ ޚުތުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ޢީދުގެ އުފާވެރިކަން ކޮންމެ މުއުމިނެއްގެ މޫނުމަތިން ފާޅުކުރުމަށާއި، ލޯތްބާއި، ކުލުނާއި، އަޚުވަންތަކަމުގެ ޝުޢޫރުތަކުން އެކަކު އަނެކަކަށް ހަދިޔާ ކުރުމަށް ވަނީ ގޮވާލާފައެވެ.

އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަން ޖެހޭ އިހްތިފާލު ތަކެއް ކަމަށާއި، އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށްވެސް މިއަދުގެ ޢީދު ޚުތުބާގައި ވަނީ ބުނެފައެވެ.

"ތަނަވަސްކަމުގެ އަހުލުވެރިން ފަގީރުންނަށާއި މިސްކީނުންނަށް ހެޔޮ އަމަލު ފޯރުކޮށްދީ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުވަން ޖެހޭނެއެވެ. ފިތުރު އީދު ދުވަހު އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާ ކުރުމަށް އަންގަވާފައި ވަނީ މިހެންވެގެންނެވެ. މިކަމުގެ ސަބަބުން ފަގީރުންނަށް އީދުގެ އުފާ ހާސިލު ކުރުމަށް މަގު ފަހިވާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މިއަހަރު ރާއްޖޭގެ ބައެއް ރަށްރަށުގައި އީދު ނަމާދު މިސްކިތްތަކާއި މައިދާންތަކުގައި ނުކުރެވުނު ނަމަވެސް ގޭގައި ނަމާދުކޮށް މި އުފާވެރި މުނާސަބަތުގައި ހިތް ހެޔޮކަމާއި ދީލަތިކަން ފާޅުކޮށް ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރަހްމަތްތެރިންނަށް އީދު ސަލާމާއި ތަހުނިޔާ ފޮނުވައި، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ އިސްލާމް ދީނުގައި އީދުތައް ޝަރުއު ކުރައްވާފައި ވަނީ ހަމައެކަނި އުފާ ފާޅުކޮށް މަޖާކުރަން ނޫން ކަމަށާއި އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުޚުވަތްތެރިކަން ދެމެހެއްޓުވުމަށް ޓަކައި ކަމަށެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމަކީ އިސްލާމީ ރިވެތި އަދަބަކަށް ވާއިރު، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން