އެމްޓީީސީސީ
އެމްޓީީސީސީ
މިދިޔަ އަހަރު އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.



އެެމްޓީސީސީން ބުނީ މިއީ 41 އަހަރުގެ ދިގު ތާރީޚުގައި އެކުންފުނިން މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާކަމަށެވެ. އެކުންފުނީގެ 2021 ވަނަ އަހަރުގެ ޖުމްލަ މާލީ ނަތީޖާ ދައްކާގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.



އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާގޮތުން، ހަތަރުވަނަ ކުއާޓާރގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ ވިޔަފާރިން 66.51 މިލިއަން ރުފިޔާގެ ފައިދާއެއް އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި ކުރި 408.76 މިލިއަން ރުފިޔާގެ ވިޔަފާރިއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.9 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 264.45 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރގައި ރިކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، 2020 ވަނަ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއި އަޅާ ބަލާއިރު ދައްކަމަށެވެ. ނަމަވެސް މުޅި 2021 ވަނައަހަރުގެ ޖުމްލަ ނަތީޖާއަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީޚްގައި މާލީ އަހަރެއްގައި ރެކޯޑްކުރެވިފައި އެންމެ ރަނގަޅު ނަތީޖާއެވެ.

2021 ވަނައަހަރުގެ ހަތަރުވަނަ ކުއާޓާރގައި އެކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގާފައިވެއެވެ. އެގޮތުން އެކިމަރުހަލާގައި ޖުމުލަ 103 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. އަދި މި ކުއާރޓަރގެ ތެރޭގައި 10 މަޝްރޫއެއްގެ މަސައްކަތްވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. އޭގެ އިތުރުން 8 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށައި، އިތުރު 18 މަޝްރޫއެއްގެ މަސައްކަތް އެކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައި ވަނީ ހިންގާފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކަށްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

އެމްޓީސީސީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުންފުނިން ދަނީ އެކުލަވާލާ، ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުންނެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ޙިއްޞާދާރުންނާއި މުޖުތަމަޢަށް ނަފާ ލިބޭގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން