ހާލުގައި ޖެހިފައިވާ އަފްޣާނިސްތާނަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އިންޑިއާއިން ފޯރުކޮށްދިން އެހީގެ ތަކެތީގެ ތެރޭގައި ހިމެނެނީ ތިން ޓަނުގެ ބޭހާއި، ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންކުރާ އާލަތްތައްކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒުން ހާމަކޮށްފައިވެއެވެ. އަދި މިއީ މިފަދައިން އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭ ހަތަރުވަނަ ފަހަރުކަމަށްވެސް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ތާލިބާނުންގެ ބާރުގެ ދަށުގައިވާ އަފްޣާނިސްތާނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވައުދުވެފައިވާ އިންޑިއާއިން މީގެ ކުރިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިނުގެ 500،000 ޑޯޒުވެސް ހަދިޔާކޮށްފައެވެ.

އަނިޔާވެރިކަމާއެކު ހަނގުރާމަކޮށް އަފްޣާނިސްތާނުގެ ބާރުތައް އަތުލި ތާލީބާނުގެ ވެރިކަން، އިންޑިއާއިން އަދި ބަލައެއްނުގަނެއެވެ. ނަމަވެސް އިންޑިއާގެ އެހީތެރިކަމަށް ތާލިބާނުން ވަނީ ޝުކުރު އަދާކޮށް ގުޅުން ބަދަހި ކުރުމަށް ދައުވަތު އަރުވާފައެވެ.

ތާލިބާނުންގެ އަނިޔާވެރިކަމާ ހެދި، ބައިނަލްއަގުވާމީ ފަންޑުތަކަށް ބަރޯސާވާ އަފްޣާނިސްތާނުގެ ރައްޔިތުން ވަނީ އެފަންޑުތައް ހުއްޓުވުމާއިއެކު، ކާބޯތަކެއްޗަށާއި ބޭހަށް ޖެހިފައެވެ. އދ ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަގްޣާނިސްތާނުގެ 23 މިލިއަން މީހުން ވަނީ އިންސާނީ އެހީތެރިކަމަށްޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން