މޮރޮކޯގައި ވަޅަކަށް ވެއްޓި ތާށިވެފައި އޮތް ފަސް އަހަރުގެ ރަޔާންގެ މަރާއިއެކު މުޅި ދުނިޔެ ތައުޒިއާގެ އަޑުން ގުގުމާލައިފިއެވެ.

ރަޔާން ވެއްޓުނީ އޭނާ އުޅޭ ގޭ ކައިރީގައި ކޮނެފައިވާ 100 ފޫޓެއްހާ ފުން ވަޅަކަށެވެ. އޭނާ ވެއްޓުނު ވަޅަކީ 32 މީޓަރު ނުވަތަ 104 ފޫޓުގެ ފުން ވަޅެކެވެ. ވަޅުގެ ފުޅާ މިނުގައި ހުންނަނީ ގާތްގަނޑަކަށް 18 އިންޗިކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

އަދި އެވަޅަކީ، ވަލެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން މީހަކު ވަޅަށް ފައިބައިގެން ކުއްޖާ ނެގޭ ވަރަށް ވުރެ ވަޅުގެ އަޑި މާ ހަނި ވަޅެއްކަމުން ރަޔާން ސަލާމަތްކޮށްފައިވަނީ ވަޅާއި ކައިރިން ކޮނެގެންނެވެ. އަދި ވަޅުގައި އޮތް ކުއްޖާއަށް ވަލެއްގެ އެހީގައި ފެނާއި، ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިންކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

މިވަޅުގެ ތެރޭގައި ތާށިވެފައި އޮތް ރަޔާން ސަލާމަތް ކުރަން ފަސް ދުވަސް ނެގިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދިއައީ މިމަސައްކަތް ދުރާ ގާތުން ބަލަމުންނެވެ. އަދި ނުވިތާކަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ މީހުންނެއް ވަޅު ދޮށަށް އެއްވެ ރަޔާން އަވަހަށް ސަލާމަތްކުރައްވާތޯ ދުއާކޮށްވެސް ހަދައެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު މިމަސައްކަތުގެ ނަތީޖާ ލިބުނީ ވަރަށް ހިތްދަތިކޮށެވެ. ފަސް ދުވަހަށްފަހު ރަޔާން ސަލާމަތްކުރަން ރެސްކިއު ޓީމަށް ދެވުނު އިރު ރަޔާން ވަނީ މަރުވެފައެވެ.

މިއާއެކު ރަޔާންގެ އާއިލާއަށް ލިބުނު ކުއްލި ހިތާމައިގައި މުޅި ދުނިޔެއިން ބައިވެރިވެ ތައުޒިޔާގެ މެސެޖުތަކުން މުޅި މީސްމީޑިއާ ވަނީ ފުރާލާފައެވެ. އާންމު ފަރުދުންގެ އިތުރުން މޮރޮކޯގެ ރަސްގެފާނާއި، ޔޫއޭއީގެ ރައީސް އަދި ފްރާންސްގެ ރައީސް ފަދަ އެކި ގައުމުތަކުގެ އިސްވެރިން ވަނީ ތައުޒިއާގައި ބައިވެރިވެވަޑައިގެންފައެވެ.

ޓްވިޓަރ އަދި ފޭސްބުކް ފަދަ މީސްމީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު ތައުޒިއާ ފޮނުވަމުންދަނީ ސޭވް ރަޔާން ހޭޝްޓެގް ބޭނުންކޮށެވެ.

ރަޔާންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު އޭނާ ދިރިއުޅުނު އަވަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން