ކޮވިޑް ވެކްސިނުގެ އިތުރު ބޫސްޓަރ ޝޮޓެއް ކޮންމެ ފަސް އަހަރަކުން ޖަހަންޖެހިދާނެކަމަށް އެމެރިކާގެ ރައީސްގެ ޗީފް މެޑިކަލް އެޑްވައިޒަރ، ޑރ. އެންތޮނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ފައުޗީ ވަނީ ކޮވިޑް ވެކްސިނުގެ އިތުރު ބޫސްޓަރ ޝޮޓެއް ކޮންމެ އަހަރަކު އެއްފަހަރު ޖަހަން ޖެހޭނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެމީހެއްގެ ސިއްހީހާލަތަށްބަލައި ކޮންމެ އަހަރަކު ވެކްސިން ޖެހުމުގެ ބަދަލުގައި ކޮވިޑް ވެކްސިނުގެ އިތުރު ބޫސްޓަރ ޝޮޓެއް ޖަހަން ޖެހޭނީ ކޮންމެ ހަތަރު އަހަރަކު ނުވަތަ ކޮންމެ ފަސް އަހަރަކުންކަމަށް ފައުޗީ ވިދާޅުވިއެވެ.

"ވެކްސިނުގެ އިތުރު ޑޯޒު ޖަހަންޖެހޭކަން އެނގޭނީ އެމީހެއްގެ ސިއްހަތައްބަލައި. (މިސާލަކަށް) އުމުރުން 30 އަހަރުގެ ސިއްހަތު ރަނގަޅު، އިތުރު އެއްވެސް ބައްޔެއް ތަހައްމަލު ނުކުރާ މީހަކު ނަމަ، އަހަރަކު އެއްފަހަރު ކޮވިޑް ވެކްސިން ބޫސްޓަރ ޝޮޓެއް ޖެހުމުގެ ބަދަލުގައި ކޮންމެ ހަތަރު އަހަރަކު ނުވަތަ ކޮންމެ ފަސް އަހަރަކު ވެކްސިން ޖެހޭނެ." ފައުޗީ ވިދާޅުވިއެވެ.

ފައުވީ ވިދާޅުވީ ބޫސްޓަރ ޑޯޒުޖަހަނީ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ހަށިގަނޑުގައި އެންޓިބޮޑީޒް އިތުރުކުރަންކަމަށެވެ. އެގޮތުން ކޮވިޑް ވައިރަހުގެ ވޭރިއޭޝަންތައް އިތުރުވެ ބަލިމަޑުކަން އިތުރަށް ގޯސްވާނަަމަ ކޮންމެ 8 ނުވަތަ 9 މަހަކުންވެސް ވެކްސިން ޖަހަން ޖެހިދާނެކަމަށް ފައުޗީ ވިދާޅުވިއެވެ.

ނަމަވެސް ވެކްސިނުގެ ބޫސްޓަރ ޑޯޒު އިތުރަށް ޖަހަން ޖެހޭކަން ޔަގީންކުރެވޭނީ ވެކްސިނުން ދިފާއީ ނިޒާމަށް ލިބިދޭ ރައްކާތެރިކަން ގިނަދުވަސްތަކަކަށް ދެމިހުންނާނެކަން ޔަގީން ކުރެވުމުންކަމަށްވެސް ފައުޗީ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޖަހަމުންދާއިރު، ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދެމުންދާ އެމެރިކާގެ އާބާދީގެ 64 އިންސައްތަ މީހުން ވަނީ މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި މީގެ ތެރެއިން 43 އިންސައްތަ މީހުންވަނީ ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޖަހާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން