ދީނަށް ފުރައްސާރަކުރި މީހާގެ މަރުގެ ތަހުގީގުގެތެރެއިން.
ދީނަށް ފުރައްސާރަކުރި މީހާގެ މަރުގެ ތަހުގީގުގެތެރެއިން.
ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި މީހަކު މަރާލައިފިއެވެ.

އޭނާ މަރާލައިފައިވަނީ ދީނަށް ފުރައްސާރަކުރުމުގެ އިތުރުން ހަތިމެއް އަންދާލުމުންނެވެ. އަދި އޭނާ މިކަންކޮށްފައިވަނީ މިސްކިތެއްގެ ތެރޭގައިކަމަށްވެއެވެ.

މިއާއެކު މިސްކިތްދޮށަށް މީހުން އެއްވެ، ނުރުހުން ފާޅުކޮށް ހަމަނުޖެހުން ހިންގައި، ދީނަށް ފުރައްސާރަ ކުރިމީހާ މަރާލީ އޭނާގެ ގަޔަށް ގާއުކައި އަނިޔާ ކޮށްގެން ކަމަށް މަންޒަރުދުއްމީހުން ހާމަކޮށްފައިވެއެވެ.

މިކަމާބެހޭގޮތުން ޕާކިސްތާނު ފުލުހުން ބުނީ ފުލުހުން އެސަރަހައްދަށް ދިޔައިރު، ދީނަށް ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވޭ މީހާ މަރާލުމަށްފަހު އޭނާގެ ފުރާނަނެތް މަސްގަނޑު ގަހެއްގައި އައްސާފައިވާކަމަށެވެ.

ނަމަވެސް މަންޒަރުދުށް ބައެއް ފަރާތްތަކުން ބުނާގޮތުން އޭނާ މަރާލުމުގެ ކުރިން ފުލުހުން ހާޒިރުވެ އޭނާ ހައްޔަރުކުރަން އުޅުމުން، އެއްވެފައި ތިބި މީހުން ފުލުހުންނަށް ހުރަސް އެޅީއެވެ.

ފުލުހުން ބުނީ މިމީހާއަކީ މިދިޔަ 15 ވަރަކަށް އަހަރުއްސުރެން ނަފްސާނީގޮތުން ބަލި މީހެއްކަމަށް އޭނާގެ އާއިލާއިން ބުނާކަމަށެވެ. އަދި މިމީހާ އަކީ އެތައްފަހަރެއްގެ މަތިން ގެއިން ފިލައިގެން ގޮސް މަގުމަތީ ސަލާންޖަހައި އުޅޭމީހެއް ކަމަށްވެސް ވެއެވެ.

މިހާދިސާއާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ކަންބޮޑުވުން ފާޅުކުރަށްވައި މިކަން ތަހުގީގުކުރުމަށް ފުލުހުންނަށް އަންގާފައެވެ. އިމްރާން ޚާން ވިދާޅުވާގޮތުގައި، ގާނޫނީގޮތުން ފިޔަވަޅު އަޅަން ޖެހޭކަންކަމުގައި ގާނޫނާ ހިލާފަށް އަމިއްލައަށް އެއްވެސް މީހަކަށް އަދަބު ދީގެން ނުވާނެއެވެ. އަދި މިފަދައިން ހިންގާ އަމަލުތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އިމްރާން ޚާން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން މިހާތަނަށް 80 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދިޔަ ޑިސެމްބަރު މަހުވެސް ދީނަށް ފުރައްސާރަކުރި ކަމަށްބުނެ ސްރީލަންކާގެ ރައްޔިތަކު ޕާކިސްތާނުގައި ވަނީ މަރާލާފައެވެ. އަދި މިފަދައިން ދީނަށް ފުރައްސާރަކުރާ މީހުންނާ ދެކޮޅަށް އާންމުން ނުކުމެ އަނިޔާވެރިވުމަކީ ޕާކިސްތާނުގައި އާންމުކަމެއްކަމަށްވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން