"މާލޭ ފުރަބަންދުގައި ހުންނަ ރަށްފުށުގެ ރައްޔިތުމީހާ، އެމީހާ ހުންނަތާ 14 ދުވަސް ވުމުން ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ނައްސި ވުމުން ރަށަށް ދެވޭނެ އިންތިޒާމެއް ހަމަ ނުޖެހިގެން އުޅޭ ސަބަބެއް ބުނެދީބަލަ." މިއީ ރަހުމަތްތެރިއަކު ގުޅާލާފަ ބުނެލިވާހަކަ އެކެވެ. އޭނާގެ ކަންބޮޑު ވުމަކީ ވަޒީފާގެ އުއްމީދެއް ނެތި އަދި އާމްދަނީ ނުލިބޭހާލު، އެތަކެއް ޚަރަދެއް ކޮށްގެން މާލޭގައި ހުންނަން ޖެހި އަދި އާއިލާގެ ޚަރަދު ބަރަދު ހަމަޖައްސޭނެ އެއްވެސް މަގެއް ފެންނަން ނެތްހާލު، އާއިލާއާއި އެއްކޮށް ވީހާލެއްގައި ވުމަށް ރަށަށް ނުދެވުމެވެ.

މާލޭގައި ތާށިވެފައި ތިބި ރަށްފުށުގެ ގިނަމީހުންގެ ޙާލަތު ހުރީ މިހާރު މިފަދަ ގޮތަކަށެވެ. މާލޭގެ ގޭގެއަށް ކުލިދައްކާ އަދި ކެއުމުގެ ކަންކަން ހަމަ ޖައްސަން މިޖެހެނީ ރަށުގައި ތިބި އަނބިދަރިން އެހާލުގައި ދޫކޮށްލާފައެވެ. ނަމަވެސް ކޮރޯނާވައިރަސް ރަށަށް ފެތުރިދާނެ ކަމަށް ބަލާފަ، ރައްޔިތު މިހާ މިދަނީ ދުވަހެއް ދުވަހަކަށް ބިކަވެ ނިކަމެތި ވަމުންނެވެ. މިކަމަށް ޙައްލެއް ހޯދުމަށް އެދި އެތަކެއް ދިވެހި ރައްޔިތުން ކޮންމެ ދުވަހަކު ކައުންސިލްގެ ޓާސްކްފޯހަށާއި ދެންވެސް ގުޅަންޖެހޭ ހުރިހާ އިދާރާ ތަކަށް ދަނީ ގުޅަމުންނެވެ. މިކަމާއި ރަޙްމަތްތެރިޔާވެސް ހުރީ ފިކުރު ބޮޑުވެ މިހާރު ހަދާނެގޮތް ހުސްވާ ހިސާބުގައެވެ.

ރަހުމަތްތެރިއާ ފޯނުން ވާހަކަ ދައްކަމުން އިތުރަށް ބުނެލީ، "ތިމަންނަގެ ރައްޓެއްސެއްގެ އެޕާޓްމަންޓުގައި މޯލްޑިވިއަންގެ ކްރޫއެއް އުޅޭ. އޭނަ ވަރަށް ގިނައިން އެކިގައުމު ތަކަށް، އެކި ކަންކަމުގައި އެބަ ދަތުރު ކުރޭ. ދަތުރު ކުރަނީ އެއްކަލަ އެބުނާ ހަޒްމަޓް ސޫޓު ލައިގެން. އޭނަ އިންޑިއާއަށް ދިޔަޔަސް އަދި ބަންގްލަދޭޝްއަށް ދިޔަޔަސް އެނބުރި އަންނަނީ ގެއަށް. ހަމަ ޔަގީނުންވެސް އޭނަ އެދަނީ އެއްކަލަ މާލެއިން ގޮވައިގެންދާ ހައިރިސްކް މީހުންނާއެކު. އޭނަ އައިސް ނުޖެހޭ ކަރަންޓީނު ފެސިލިޓީގަ 14 ދުވަސް ހޭދަ ކުރާކަށް. އޭނަ އަންނަނީ ސީދާ ގެއައް. އެގޭގެ އުޅޭ އެހެން މީހަކަށްވެސް ނުރައްކަލެއް ނެތް. މިގޮތަށް އަހަރުމެންވެސް ރަށަށް ނުފޮނުވެންވީ، މީ ބޮޑުވެގެންވާ އަރަތެއްނު! މިހާރު މިވީ 35 ދުވަސް ގޭގަ އޮންނަތާ. ކީއްތަވާނީ ހަމަ ތިބުނާ ކޮވިޑަށް ޓެސްޓް ކޮށްފަ، ނައްސި ވުމުން އަހަރެންފަދަ އެންމެން އެހެދުން ލައްވާފަ ރަށަށް ފޮނުވިއްޔާ. ހަމަ ޔަގީނުންވެސް ސަރުކާރަށްވެސް އެތައްގުނައެއް ޚަރަދު ކުޑަވާނެ." މިހެންނެވެ. ރަހުމަތްތެރިޔާ ހުރީ ނުތަނަވަސްވެ އަދި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

މިގޮތަށް ރަހުމަތްތެރިއާ ބުނުމުން އަހަރެންގެ ހިތަށްވެސް އެރީ އަޅެ މީހަމަ ރަނގަޅު ވާހަކަ އެކެވެ. ނަމަވެސް އަހަންނަކީ ސިއްޙީ މާހިރެއް ނޫންވީމަ މިކަމާ އިތުރަށް ގޮތް ކިޔާކަށް ބޭނުމެއް ނޫނެވެ. އެހެންވެ ދެން ގުޅާލީ އަނެއްކާވެސް އެހެން ރައްޓެއްސަކަށެވެ. އެއީ މާލޭގަ ވިޔަފާރި ކުރާ މީހެކެވެ. އޭނަގެ ޚިޔާލުވެސް ހަމަ ހުރީ އެކަހަލަ ގޮތަކަށެވެ. އޭނަ ގަބޫލު ކުރާގޮތުން މިއީ ގަސްދުގައި ޖައްސައިގެން އުޅޭ މަޅިއެކެވެ. އެގޮތަށް ރަށަށްދާން ބޭނުން މީހުން ރަށަށް ނުފޮނުވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ހަގީގަތަކީ މިގޮތަށް މާލެއިން މީހުން ގިނައިން ދާކަމަށްވާނަމަ މާލޭގެ އެޕާޓްމަންޓްތަކަށް ކުލި ނުލިބިދާނެ ކަމަށް ވިސްނާ، ބަޔަކު ރާވައިގެން ކުޅޭ ކުޅިގަނޑެއް ކަމަށް އޭނާ ބުންޏެވެ.

"ވަޒީފާގެ ފުރުސަތު ގެއްލި ރަށަށްދާ މީހުން ދާނީ އެޕާޓްމަންޓް ދޫކޮށްލާފަ. ދެން މާލޭމީހާއަށް ލިބޭފައިސާ ހުއްޓުނީ. މިހާލަތުގައިވެސް މާލޭގެ ކުއްޔަށް ބަދަލެއް ގެންނަން އެއްވެސް ކަމާއި ބެހޭ މުއައްސަސާ އަކުން އެއްކަމެއްވެސް ނުކުރޭ. ސްޓިމުއުލަސް އެކޭ ކިޔާފަ މިއުޅެނީ އަނެއްކާވެސް އެމީހުންނަށް ކުލި ދިނުމަށް ރަށްފުށުމީހާގެ ބޮލުގައި ލޯނެއް އަޅުވަން." އޭނާ އިތުރަށް ބުންޏެވެ.

ރަށަށް ނުދެވި މާލޭގައި ތާށިވެފައިވާ ގިނަބަޔަކަށް ގުޅާލެވުނެވެ. ހުރިހާ އެންމެންވެސް ހަމަ މިކިޔަނީ ދާދީ އެކައްޗެކެވެ. ކޮވިޑަށް ޓެސްޓްކޮށް، ނައްސި ވުމުން ހަޒްމަޓް ސޫޓު ލައްވާފަ ރަށަށް ނުފޮނުވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެހެނަސް އަހަންނަށް މިވަރުންވެސް މިކަމުގައި ސިއްޙީ މާހިރެއްގެ ބަސްވެސް ހޯދާލަން ބޭނުން ވިއެވެ. އެގޮތުން ސިއްޙީ މާހިރެއްގެ ޚިޔާލުވެސް ހޯދާލީމެވެ.

އަޅުގަނޑު ގުޅާލި ގިނަމީހުންގެ ކަންބޮޑުވުން ސިއްޙީ މާހިރާއި ޙިއްސާކޮށްލުމުން އެންމެ ފުރަތަމަވެސް ވިދާޅުވީ، "ލޮކްޑައުން ހާލަތަކީ އުނދަގޫ އަދި ނަފްސާނީ ގޮތުން ގިނަ ބަޔަކު ބަލިކަށި ކުރާކަމެއް. އަދި މާލެ ލޮކްޑައުން ކޮށްފަ މިވާގޮތުން ހަކުރު ބަލި، ލޭމައްޗަށް ދިއުން އަދި އުމުރުން ދުވަސްވެފައިވާ މީހުންނަށް އިތުރު ސިއްޙީ ނުރައްކާ ކުރިމަތިވުން ކައިރި. ކަސްރަތު ކުރުމާއި ހިނގުމާއި އަދި އަވީގައި ޖެހުމުގެ ފުރުސަތެއް ނެތް." މިހެންނެވެ.

އެހެންކަމުން މާލޭގަ މިއޮތް ލޮކްޑައުންގެ ސަބަބުން ސިއްޙީ ގޮތުން ބަލިކަށި މީހުން މިހާރަށް ވުރެ ބޮޑަށް ނުރައްކަލަށް އެބަހުށަހެޅޭކަން ފާހަގަ ވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ސިއްޙީ މާހިރު ވިދާޅުވީ، "ޓެސްޓް ކޮށްފަ ނައްސި ވިކަމުގައި ވިޔަސް ވައިރަސް ނެތް މީހެއްގެ ގޮތުގައި ނިންމުން ރަނގަޅެއް ނޫން. ސަބަބަކީ ވައިރަސް ހުންނަ މީހުން ޓެސްޓް ހަދާއިރު ނައްސި ނަތީޖާއެއް ދެއްކުމުގެ ފުރުސަތު މަތި. މިޓެސްތަކުގެ 30 އާއި 33 އިންސައްތަ ނައްސި ވުމުގެ ފުރުސަތު ބޮޑު."

"ހަޒްމަޓް ސޫޓަކީ ގިނައިރު ބަލިމީހުނާއި އެކީ އުޅޭ މީހުންނަށް އެބަލި އަރާފާނެތީ ލާ ހެދުމެއް. އެއީ މުޖުތަމަޢުއަށް ބަލި ފެތުރުނަ ނުދިނުމަށް ބޭނުންކުރާ އެއްޗެއް ނޫން. ނަމަވެސް މިވައިރަސް އާއި އެއްކޮށް އުޅެން އެބަޖެހޭ. ވީމާ ތިވިދާޅުވި ގޮތަށް، ޓެސްޓް ހަދާފަ ނައްސި ނަތީޖާ ލިބޭމީހުން ރަށްރަށަށް ފޮނުވުން ރަނގަޅު. އެހެނަސް ޝަރުތު ތަކަކާއެކު."

"ދަތުރު ކުރަންވާނީ ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ނެތްމީހުން. ދަތުރަށް އެރުމުގެ ކުރިން ރަނގަޅަށް އަތްދޮވުމާއި، މާސްކް އެޅުމާއި، ދަތުރު މަތީގައި އެއްގޮތަކަށްވެސް މާސްކު ނުނެގުމާއި، އިޖުތިމާއީ ޖިސްމާނީ ދުރުމިން 3 ފޫޓަށް ވުރެ ކައިރި ނުވެ ވާނެގޮތެއް ހަމަޖެހިފައި ހުންނަންވާނެ. ރަށަށްގޮސް އަމިއްލަ ގޭގައި އެކަހެރިވެގެން 14 ދުވަހު ހުރުމާއި، އެމުއްދަތުގެ ތެރޭގައި ގޭގައި އުޅޭއިރުވެސް މާސްކް އަޅާއިގެން އުޅުމާއި، ޖިސްމާނީ ދުރުމިން 3 ފޫޓަށް ވުރެ ދުރުގައި ބެހެއްޓުމާއި، އެހެން މީހުންނާއި އެއްސުފުރާއަކަށް ނޭރުމާއި، ގޭތެރެ ގަވާއިދުން ދުވާލަކު ދެފަހަރު ޑިޓޯލް ފެނުން ނުވަތަ ސައިބޯނި ފެނުން ސާފު ކުރުން. ހުމެއް ނުވަތަ ރޯގާގެ އަލާމާތެއް އިހުސާސް ކުރެވޭނަމަ އަވަހަށް އެޗްޕީއޭއަށް ގުޅޭގޮތަށް އިންތިޒާމު ވެފައިވުން މުހިއްމު."

ސިއްޙީ މާހިރު ވަރަށް ސާފުކޮށް އެބޭފުޅާގެ އިރުޝާދުތައް ކިޔައި ދެއްވިއެވެ. އިތުރަށް ވިދާޅުވީ، "ތިމާ މީހާއަކީ ތިމާގެ ރަށަށް މިބަލި ތައާރަފް ކުރާ މީހާއަށް ނުވެ، ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެން ސެލްފް ކަރަންޓީންގައި ހުރުން ވަރަށް މުހިއްމު." މިހެންނެވެ. ހަމަ މިއާއިއެކު އިތުރަށް ސިއްޙީ މާހިރުވެސް ކުރިމަތި ކުރުވީ ދެސުވާލެކެވެ. "މީހުން ރަށަށް ނުފޮނުވާ ގެންގުޅެވޭނީ ކިހާ ދުވަހަކަށްތޯ؟ ނުލިބޭ އާމްދަނީއަކުން ޚަރަދު ކުރާނީ ކިހިނެއްތޯ؟"

މިއީ މިހާރު ކަމާއި ބެހޭ ފަރާތްތަކުން ވިސްނަވާލައްވަން ޖެހޭ ވަރަށް މުހިއްމު ކަމެއް ނޫންތޯއެވެ. މީހުން މިތިބެ ނިކަމަތި ވަނީއެވެ. އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެއްޖެ އެވެ. މިކަންކަމަށް ވީހާވެސް އަވަހަށް ހައްލެއް ބޭނުމެވެ.

ވާހަކަ ނިއްމަވާލައްވަމުން ސިއްޙީ މާހިރު ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލެއްވީ، "ވެކްސިނެއް ހޯދެންދެން މިވައިރަސް އާއިއެކީ އުޅެވޭނެ ސަލާމަތްތެރި، ހަރުދަނާ ގަވާއިދު ނެރެ އަދި ވަކިމީހަކަށް ނުބަލާ އެންމެންނަށް އެއްއުސޭލެއް ގާއިމުވެފައި އެބަ އޮންނަންޖެހޭ. އަދި ގަވާއިދު ހިންގަންވާނީ އެންމެނަށް ހަމަ ހަމަ އުސޫލަކުން. ގަވާއިދާއި ޚިލާފުވާ އެންމެނަށް ހަރުކަށި ފިޔަވަޅު އެޅުން މުހިއްމު" މިހެންނެވެ.

މީގެންވެސް ޔަގީންވާ ކަމަކީ ރަހުމަތްތެރިޔާގެ ކަންބޮޑުވުން ހަމަ ޖާއިޒު ކަމެވެ. މިހާލަތުގައި ހަރުދަނާ ގަވާއިދު ތަކަކާއި އެކު މާލޭގައި ތާށިވެފައި ތިބި ނިކަމެތި ރައްޔިތުންނަށް ޙައްލެއް ބޭނުންވާކަމެވެ. ރައްޔިތު މީހާއަށްވެސް މިހާރު ކެތްވާވަރެއް ނޫނެވެ. ޙައްލެއް ހޯއްދަވާ ދެއްވަން ތިއްބެވީ މުއައްސަސާތަކުގެ ވެރިންނެވެ. ރައްޔިތު މީހާއަކަށް ގަދަ ބާރު ދައްކާފަ ކަމެއް ކުރުމުގެ ފުރުސަތެއް ނެތެވެ. ކަމާއި ބެހޭފަރާތުގައި، އަހަރެން މިދަނީ މާސްކް އަޅައިގެން ރަށަށޭ ބުނެފަ ދެވޭކަށް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން