އިނގިރޭސިވިލާތުން ލަންކާއަށް ކުނީގެ ޝިޕްމެންޓެއް ފޮނުވި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދިއްޖެއެވެ.

2019 ވަނަ އަހަރު އިނގިރޭސިވިލާތުން ސްރީލަންކާއަށް ފޮނުވި މިޝިޕްމެންޓުގައި 263 ކޮންޓެއިނަރު ފުރާ ކުނި ހުރިކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. އަދި މިކޮންޓެއިނަރުތައް ލޭބަލްކޮށްފައިވަނީ ރިސައިކަލް ކުރުމަށް އެތެރެކުރާ ދަނގަޑުގެ ބާވަތެއްގެ ގޮތުގައެވެ.

ނަމަވެސް ކޮންޓެއިނަރު ތަކުގައި ހުރި ތަކެތީގެ ތެރޭގައި ހަލާކުވެފައިވާ ބާ ގޮދަޑިއާއި، އެކިކަހަލަ ކުނިވެފައިވާ ތަކެއްޗާއި، އިންސާނުންގެ ނަޖިސްކަމަށް ޝައްކުކުރެވޭ ތަކެތީގެ އިތުރުން ނުރައްކާވާޒާތުގެ ކުނިވެސް ހިމެނޭކަމަށްވެއެވެ. ލަންކާގެ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި މިކޮންޓެއިނަރުތަކުގައި 3000 ޓަނުގެ ކުނި ހިމެނެއެވެ.

ލަންކާއިން ވަނީ 2020 ވަނަ އަހަރު މިކުނިކޮންޓެއިނަރުތައް އަނބުރާ އިނގިރޭސިވިލާތައް ފޮނުވަން ފަށާފައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ޑިލޭވެ، މިކުނި ކޮންޓެއިނަރުތައް އަނބުރާ އިނގިރޭސިވިލާތައް ފޮނުވާ ނިންމާލީ މިހަފްތާގެ ހޯމަ ދުވަހުއެވެ.

އެގޮތުން ދެއަހަރު ދުވަހު މިކުނި ކޮންޓެއިނަރުތައް ލަންކާގައި ބަހައްޓަން މަޖުބޫރުވި ކަމަށް ވެއެވެ.

ބޭސަލް ކޮންވެންޝަނުގައިވެސް ބައިވެރިވެފައިވާ ސްރީލަންކާއިން ވަނީ އިނގިރޭސިވިލާތުން ލަންކާއަށް ފޮނުވި ކުނީގެ ޝިޕްމެންޓުގައި ނުރައްކާތެރި މާއްދާތަކެއް އެކުލެވޭކަމަށް ބުނެ، އޭގެ ސަބަބުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެދިފައެވެ.

ބޭސަލް ކޮންވެންޝަނަކީ ތަަރައްގީ ވެފައިވާ ގައުމުތަކުން، ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ނުރައްކާތެރި ކުނި ޓްރާންސްޕޯޓު ކުރުން ކޮންޓްރޯލްކުރުމައް ބައިނަލް އަގުވާމީގޮތުން ހަދާފައިވާ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ ދަށުން ނުރައްކާތެރި ކުނި ނައްތާލުމަށް ތިމާވެއްޓަށް ގެއްލުން ނުވާނެ ފަދަ އުސޫލްތަކެއް ބޭނުން ކުރަން މަޖުބޫރުވެއެވެ.

މީގެއިތުރުން ލަންކާގެ ސެންޓަރ ފޯ އެންވާރޮންމެންޓަލް ޖަސްޓިހުން ވަނީ ކުނި ކޮންޓެއިނަރުތައް އިމްޕޯޓު ކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތްތަކަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން