ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާ ދިނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، ރަޝިޔާގެ އަމަލުތަކަށް އެގައުމުން ޖަވާބުދާރީކުރުވާނޭކަމަށް ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ރަޝިޔާގެ އަމަލުތައް ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

ޔޫރަޕްގެ ގަަދަބާރެއް ކަމަށްވާ، ޖަރުމަންވިލާތުގެ ޗާންސެލަރ އޯލާފް ޝޯލްސް ވިދާޅުވީ ރަޝިޔާގެ އަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރައްވާކަމަށެވެ. އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށްވެސް ޖަރުމަން ވިލާތުގެ ޗާންސެލަރ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ޔޫރަޕަށް އުނދަގޫ ވަގުތެއްގެ އިތުރުން، ޔޫރަޕަށް އައި ކަޅު ދުވަހެއްކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވީ ރަޝިޔާގެ އިގްތިސާދު އިނދަޖައްސާލާވަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެ ގައުމާއި އެ ގައުމުގެ ބައިވެރިންގެ ފަރާތުން ރަޝިޔާއަށް ކުރިމަތިވާނޭކަމަށެވެ. ރަޝިޔާގެ ރައީސަކީ ހުދުމުހުތާރު ވެރިއެއްކަމަށް ސިފަކުރައްވަމުން ބޮރިސް ވިދާޅުވީ މިއީ ހަމައެކަނި ޔޫކްރެއިނަށް ދިން ހަމަލާއެއް ނޫންކަމަށާއި، މިއީ މުޅި ދުނިޔެއަށް ދިން ހަމަލާއެއްކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާއަކީ ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށް ފަހުގެ ތާރީހެއްގައި ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށެވެ. ފްރާންސްގެ ރައީސްވެސް ވަނީ ރަޝިޔާއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެފަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް ވިދާޅުވެފައެވެ.

ޔޫރަޕިއަން ޔޫނިއަނުން ނެރުނު ބަޔާނެއްގައި ވަނީ ރަޝިޔާގެ މިލިޓަރީ ހަރަކާތްތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރަޝިޔާއަށް ހަރުކަށިކޮށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން