ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރު ފާސްނުވެ، ރަޝިޔާގެ ގަދަކަން އދގައިވެސް ދައްކާލައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި 15 މެމްބަރުން ތިބޭއިރު، ވީޓޯ ކުރުމުގެ ބާރު ލިބިފައިވަނީ ދާއިމީ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ ރަޝިޔާގެ އިތުރުން ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސަށެވެ. އެހެންކަނުން ރަޝިޔާއާ ދެކޮޅު ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅިއިރުވެސް، އެ ޤަރާރު ނާކާމިޔާބުވާނޭކަން އެންމެންނަށްވެސް އެނގެއެވެ.

ނަމަވެސް ބައެއް ފަރާތްތަކަށް ހައިރާންކަން ލިބިގެންދިޔައީ މަޖިލީހުގައި އެ ގަރާރަށް ވޯޓަށް އެހުމުން ރަޝިޔާއިން އެ ގަރާރު ވީޓޯ ކުރުމަށްވުރެ ބޮޑަށް، ބައެއް ގައުމުތަކުން އެ ގަރާރަށް ވޯޓް ނުދިނުމުންނެވެ. އެގޮތުން ސަލާމަތީ މަޖިލީހުގައި ހިމެނޭ ޗައިނާ، އިންޑިއާ އަދި ޔޫއޭއީން ވަނީ ޤަރާރު ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިނުވާން ނިންމާފައެވެ.

ޗައިނާއިން މިކަމުގައި ވަކިކޮޅަށް ނުޖެހުމަކީ މައްސަލައަކަށް ނުވިޔަސް، ހުޅަނގާއި ގާތް ގުޅުމެއް އޮންނަ އިންޑިއާއިން އެމެރިކާއިން ހުށަހެޅި ގަރާރަށް ވޯޓް ނުދިނުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރުގައި ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާ ކުށްވެރިކުރުމުގެ ބަދަލުގައި ބުނެފައިވަނީ ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާމެދު ކަންބޮޑުވާކަމަށެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ 3 ވަނަ ދުވަހަކަށް ދިގުދެމިގެންގޮސްފައިވާއިރު، މިހާރު ހަމަލާތައް ބޮޑަށް ބަދަލުކުރަމުންދަނީ ޔޫކްރެއިންގެ ވެރިރަށުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން