އަފްގާނިސްތާނުގެ ސްކޫލްތަކާއި ޔުނިވަރސިޓީތައް އަންހެންކުދިންނަށް ހުޅުވާލައިފިއެވެ.

ތާލިބާނުންގެ ބާރުގެ ދަށުގައިވާ އަފްގާނިސްތާނުގެ ސްކޫލްތަކާއި ޔުނިވަރސިޓީތައް މީގެ ހަމަސްކުރިން ހުޅުވާލިނަމަވެސް އަންހެން ކުދިން ސްކޫލަށާއި ޔުނިވަރސިޓީތަކަށް ދިއުން އޮތީ މަނާކޮށްފައެވެ. މިއާއެކު ބޭރު ދުނިޔޭގެ އެކި ގައުމުތަކުންނާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކުުން ތާލިބާނުންގެ މިއަމަލު ކުށްވެރިކޮށް ފިރިހެންކުދިންނެކޭ އެއްފަދައިން އަންހެން ކުދިންނަށްވެސް ތައުލީމު ހާސިލު ކުރުމުގެ ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން ބޭރުުގެ އެހީތެރިކަމަށް ބަރޯސާވާ އަފްގާނިސްތާނަށް މާލީ އެހީދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ހުރަސްއަޅާފައިވެއެވެ.

ހަމަސްދުވަހަށް ފަހު އަފްގާނިސްތާނުގެ ސްކޫލްތަކާއި ޔުނިވަރސިޓީތައް އަންހެންކުދިންނަށް ހުޅުވާލައިި ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެޖިންސުގެ ކުދިން މަސްހުނި ނުވާގޮތަށްކަމަށް ތާލިބާނުން ބުނެފައިވެއެވެ. ނަމަވެސް ގިނަ ކުދިން ކްލާހަށް ހާޒިރު ނުވާކަމަށްވެއެވެ. އަދި ސްކޫލްތަކާއި ޔުނިވަރސިޓީގައި ކިޔަވައިދޭ ގިނަ ޓީޗަރުންވެސް ކްލާސްތަކަށް ހާޒިރު ނުވާކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

ވެރިކަމުން ފައްސައިލެވުނުތާ 20 އަހަރު ފަހުން ތާލިބާނުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފައި ވެރިކަމުގެ ބާރުތައް އަތުލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. ތާލިބާނުން ދެމުންދިޔަ ހަމަލާތަކާއެކު ބަންދު ކުރި އަފްގާނިސްތާނުގެ ސްކޫލްތައް ތާލިބާނުން ހުޅުވާލީ ވެރިކަމަށް އައިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ނަމަވެސް އޭރު ސްކޫލްތައް ހުޅުވާލައިފައިވަނީ ހަމައެކަނި ފިރިހެންކުދިންނަށެވެ. މިއާއެކު އަފްގާނިސްތާނުގެ އަންހެން ކުދިން ތައުލީމު އުނގެނުމުން މަހުރޫމް ވެދާނެކަމުގެ ބިރު އާންމުންގެ މެދުގައި ފެތުރެންފެށިއެވެ.

އަފްގާނިސްތާނުގެ ބާރުތައް 1996 ވަނަ އަހަރުން 2001 ވަނަ އަހަރާއި ހަމައަށް ތާލިބާނުންގެ ދަށުގައި އޮތްއިރުވެސް އަންހެން ކުދިން ސްކޫލްތަކަށް ދިއުމަށް މަނާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން