ވިސާ އަދި މާސްޓަރ ކާޑުން ރަޝިޔާއަށް ދެމުންދާ ހިދުމަތްތައް ސަސްޕެންޑުކޮށްފިއެވެ.

ކްރެޑިޓް ކާޑު ކުންފުނި ތަކުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު އިގްތިސާދީ ގޮތުން ރަޝިޔާއަށް ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.

"އަހަރުމެންގެ މުވައްޒަފުންނާއި، ކަސްޓަމަރުން އަދި ޕާޓްނަރުންނަށްވެސް ހީނުކުރާ ވަރުގެ ގެއްލުން ލިބެމުންދަނީ. ރަޝިޔާގައި ގާއިމުކޮށްފައިވާ މާލީ އިދާރާތަކަށް ބައިނަލް އަގުވާމީ މާސްޓަރ ކާޑު ޕޭމަންޓް ނެޓްވާކް ތަކުން ހުރަސް އެޅުމުންް މިފަދަ ނިންމުމެއް ނިންމަން މަޖުބޫރުވި." މާސްޓަރ ކާޑް ކުންފުނިން ހާމަކުރިއެވެ.

މިއާއެކު ރަޝިޔާގެ ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރ ކާޑުތަކުން ފައިސާގެ މުއާމަލާތް ކުރުމަށް ބަލައެއް ނުގަންނާނެއެވެ. އަދި ރަޝިޔާ ނޫން އެހެން ގައުމަކުން ދޫކޮށްފައިވާ މާސްޓަރ ކާޑެއް ރަޝިޔާގައިވެސް ބޭނުމެއް ނުކުރެވޭނެއެވެ.

ހަމަ މިފަދައިން ވިސާ އިން ވެސް ވަނީ ރަޝިޔާއިން ފައިސާގެ މުއާމަލާތްތައް ނުކުރެވޭނެހެން ވިސާ ކާޑުތައް ސަސްޕެންޑުކޮށްފައެވެ. އެގޮތުން ރަޝިޔާގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ފައިސާގެ މުއާމަލާތް ނުކުރެވޭނެ ކަމަށާއި، ރަޝިޔާ ނޫން އެހެން ގައުމަކުން ދޫކޮށްފައިވާ ވިސާ ކާޑެއް ރަޝިޔާގައިވެސް ބޭނުމެއް ނުކުރެވޭނެކަމަށް ވިސާ ކުންފުނިން ހާމަކޮށްފައިވެއެވެ.

"މިފަދަ ނިންމުމެއް ނިންމަން މަޖުބޫރުވީ ރަޝިޔާއިން ޔުކްރެއިނު ހިފުމަށް ދެމުންދާ ހަމަލާތަކާއެކު. މިނިންމުމާ ގުޅިގެން ރަޝިޔާއިން ވިސާ ކާޑުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނާއި، ޕާޓްނަރުންނާއި، ވިޔަފާރި ވެރިންނަށް ކުރިމަތިވާނެ އުނދަގޫތަކަށް މައާފަށް އެދެން. ސުލްހަ މަސަލަސްކަން ގެއްލުވާލާ ދެމުންދާ ހަމަލާތަކައް އެއްބާރުލުމެއް ނުދޭނަން." ވިސާ ކުންފުނިން ހާމަކުރިއެވެ.

މީގެ އިތުރުން، ޔުކްރެއިނާއި ރަޝިޔާގެ މަޝްރަހު ހޫނުވެ، ޔުކްރެއިނުގެ ވެރިރަށް ހިފުމަށް ރަޝިޔާއިން މަސައްކަތްކުރަމުން ދަނިކޮށް، ހުސްވި މަހު ގްލޯބަލް ޕޭމަންޓް ސިސްޓަމް، ސްވިފްޓުންވެސް ވަނީ އެނެޓްވަރކުން ރަޝިޔާ ބޭރުކޮށްފައެވެ. މިއާއެކު އެގައުމުގެ އިގްތިސާދު ބޮޑުތަނުން ދަށަށް ދިއުން އެކަށީގެންވާކަމަށް ކަމާބެހޭ މާހިރުން ލަފާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން