ޗައިނާގެ ވީޑިއޯ އެޕް ޓިކްޓޮކް ރަޝިޔާގައި ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ޓިކްޓޮކުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ނޫސްވެރިންނާ މީޑިޔާތަކަށް ހުރަސް އެޅޭގޮތަށް ރަޝިޔާއިން އުފެއްދި ގަވާއިދަކާއެކުއެވެ. އެގޮތުން ޓިކްޓޮކުން ވަނީ އެއެޕްގެ ބައެއް ފީޗަރތައް ރަޝިޔާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ.

"އާގަވާއިދާއެކު މިއެޕް ބޭނުން ކުރާ މީހުންގެ ރައްކާތެރިކަމަށް ވިސްނައި މިފަދަ ފިޔަވަޅެއް އެޅުމަށް މަޖުބޫރުވީ. މިއާއެކު ޓިކްޓޮކް ބޭނުންކޮށް ލައިވްސްޓްރީމް ކުރުމާއި، ވީޑިއޯ އަޕްލޯޑް ކުރުން ވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައި." ޓިކްޓޮކުން ހާމަކުރިއެވެ.

ނަމަވެސް މިއެޕް ބޭނުންކޮށް ވީޑިއޯ ބެލުމާއި، މެސެޖު ކުރުމަށް ހުރަހެއް ނެތްކަމަށް ޓިކްޓޮކުން ހާމަކުރިއެވެ.

ރަޝިޔާއިން ތަންފީޒުކޮށްފައިވާ، ނޫސްވެރިންނާއި ހަބަރުފަތުރާ މީޑިއާތަކަށް ހުރަސް އަޅާ އާގަވާއިދާއެކު ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ދޮގު މައުލޫމާތު އާންމުކުރާ ނޫސްވެރިންނާއި ހަބަރުފަތުރާ މީޑިއާތަކަށް ހަރުކަށި އަދަބު ދިނުމަށް ވަނީ ނިންމާފައެވެ. މިގަވާއިދުގެ ދަށުން ދޮގު މައުލޫމާތު އާންމުކުރާ ނޫސްވެރިންނާއި ހަބަރުފަތުރާ މީޑިއާތަކަށް 15 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން