އިންޑޮނޭޝިޔާގެ ބާލީއަށް ދަތުރުކުރާ ފަތުރުވެރިންނަށް ކަރަންޓީނު ނުވެ އެތެރެވުމަށް މަރުހަބާކިޔައިފިއެވެ.

އިންޑޮނޭޝިޔާގައި ކަރަންޓީނަކާއި ނުލައި އެތެރެވޭގޮތަށް ގަވާއިދެއް ތަންފީޒުކޮށްފައިވަނީ، އެގައުމުގެ ފަތުވެރިންނަށް ހާއްސަ މަންޒިލެއްކަމަށްވާ ބާލީއަށް އެކަންޏެވެ. އެގޮތުން މިގަވާއިދު ތަންފީޒުކުރިތާ ފުރަތަމަ ދުވަހު އެކަނިވެސް ބާލީއަށް 23 ގައުމަކުން ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

މިގަވާއިދުގެ ދަށުން ކަރަންޓީނާ ނުލައި އެތެރެވުމަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައިވާން ޖެހޭނެއެވެ. އަދި ބާލީއަށް އައުމަށް ފުރުމުގެ ކުރިން ކޮވިޑް ޓެސްޓެއް ހަދައި، ނެގަޓިވް ނަތީޖާއެއް ހުށައަޅަންޖެހޭނެއެވެ.

މީގެއިތުރުން، ބާލީއަށް އެތެރެވުމަށްފަހު ކޮވިޑް ޓެސްޓެއް ހަދައި، ހެލްތު އިންޝުއަރަންސް އަކާއި، މަދުވެގެން ހަތަރު ދުވަސް ބާލީގައި ހޭދަކުރާނެކަން ދައްކުވައިދޭނެ ހޮޓަލެއްގެ ބުކިންގއެއް ހުށައަޅަންޖެހޭނެއެވެ. އަދި ބާލީއަށް އެތެރެވާތާ ތިންވަނައަށްވާ ދުވަހު އިތުރުކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެއެވެ.

މިއާގަވާއިދުގެ ދަށުން ބާލީއަށް އެތެރެވާ ފަތުރުވެރިންނަށް 35 ޑޮލަރަށް އޮންއެރައިވަލް ވިސާ ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ބާލީގައި ތަންފީޒު ކުރި މިގަވާއިދުން އިތުރު އެއްވެސް ގެއްލުމެއް ނުފެނިއްޖެނަމަ، އެގައުމުގެ އެހެން ސިޓީތައްވެސް ކަރަންޓީނަކާއި ނުލައި އެތެރެވޭގޮތަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން