މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ޔުކްރެއިނަށް ހަމަލާ ދޭން ފެށި ރަޝިޔާއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާއިރު، ކުޑަކުދިންގެ ހޮސްޕިޓަލަކަށްވެސް ރަޝިޔާއިން ހަމަލާތައް އަމާޒުކޮށްފިއެވެ.

ޔުކްރެއިނުން ހާމަކޮށްފައިވާގޮތުގައި ރަޝިޔާއިން ވަނީ ޔުކްރެއިނުގެ މަރިއަޕޮލް ސިޓީގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ހޮސްޕިޓަލަށްވެސް ވައިގެ ހަމަލާދީފައެވެ. މިހަމަލާތަކުގައި އެތައްބަޔަކަށް އަނިޔާވެފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވިހަން ތައްޔާރުވެފައިވާ އަންހެނުންތަކަކަށްވެސް ވަނީ މިހަމަލާތަކުގައި އަނިޔާވެފައެވެ.

މިހަމަލާތައް ކުށްވެރިކުރަމުން އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށްކަމަށެވެ.

"ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ހޮސްޕިޓަލަކަށް ދިން މިހަމަލާއަކީ ބިރުވެރި ނުރައްކާތެރި ހަމަލާއެއް. ހަނގުރާމައިގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށް. މާނައެއް ނެތް މިއަނިޔާވެރިކަން ހުއްޓަންވީ." އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޮނީ ގުޓަރެސް ވިދާޅުވިއެވެ.

މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިވާ ޔުކްރެއިނުގެ މަރިއަޕޮލް ސިޓީއަށް ރަޝިޔާއިން ދިން ހަމަލާތަކުގައި 1207 އާންމު ރައްޔިތަކު މަރުވެފައިވާކަމަށް މަރިއަޕޮލްގެ މޭޔަރ ހާމަކޮށްފައިވެއެވެ. އަދި ރަޝިޔާގެ ބާރުގެ ދަށަށް މަރިއަޕޮލް ސިޓީ އައުމާއެކު 400،000 އެއްހާ މީހުންނަށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ވުމާއި އިންސާނީ އެހީ ހޯދުމަށް ހުރަސްއެޅިފައިވާކަމަށް މަރިއަޕޮލްގެ މޭޔަރ ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން