މިދިޔަ ދެހަފުތާގެ ތެރޭގައި ޔުކްރެއިނުގެ 18 މެޑިކަލް ފެސިލިޓީއަކަށް ރަޝިޔާއިން ހަމަލާ ދީފިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އެގޮތުން އެންމެ ފަހުން ޔުކްރެއިނުގެ ސިއްހީމަރުކަޒަކަށް ދިން ހަމަލާގައި 17 މީހަކަށް އަނިޔާވެފައިވާކަމަށް ޔުކްރެއިނުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ. ޔުކްރެއިނުގެ މަރިއަޕޮލް ސިޓީގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ހާއްސަ ހޮސްޕިޓަލަށް ދިން މިވައިގެ ހަމަލާގައި ހޮސްޕިޓަލުގެ އިމާރާތުން ބިމާހަމަވެފައިވާ ބައިތަކުގެ ދަށުގައި ކުޑަކުދިން ތާށިވެފައި ތިބިކަމަށްވެސް ޔުކްރެއިނުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ޔުކްރެއިނުގެ ޒީޓޮމީރް ސިޓީގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލަކަށްވެސް ރަޝިޔާއިން ވަނީ ހަމަލަދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި ރަޝިޔާއިން ޔުކްރެއިނުގެ އެމްބިއުލާންސްތަކަށާއި މެޑިކަލް ފެސިލިޓީތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ޔުކްރެއިނަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާތައް އަމާޒުކޮށްފައިވާއިރު، މިހާތަނަށް ދެމިލިއަނެއްހާ އާންމުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން