ރަޝިޔާއާއި ޔުކްރެެއިނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ބަންގްލަދޭޝް ޝިޕިންގ ކޯޕަރޭޝަނުގެ ބޯޓަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި 22.4 މިލިއަން ޑޮލަރު ހޯދުމަށް ބަންގްލަދޭޝް ސަރުކާރުން އެދިއްޖެއެވެ.

ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި "ބަންގްލަރ ސަމްރިއްދީ" ނަމަކަށް ކިޔާ މި ބޯޓު އޮތީ ޔުކްރެއިނުގެ ޕޯޓް އޮފް އޮލްވިއަރގައެވެ. ޔުކްރެއިނުން އިޓަލީއަށް، މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައި އޮތް މިބޯޓު ފުރުމުގެ ކުރިން ރަޝިޔާއިން ވަނީ ޔުކްރެއިނަށް ހަމަލާތައް ފަށާފައެވެ. މިއާއިއެކު މިބޯޓު ވަނީ ހަމަލާތަކުގެ ސަބަބުން ޔުކްރެއިނުގެ ޕޯޓުތައް ބަންދު ކުރުމާއެކު ޔުކްރެއިނުން ނުފުރިފައެވެ.

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ޔުކްރެއިނުގެ ޕޯޓް އޮފް އޮލްވިއަރ ސަރަހައްދާ ކައިރިން މިމަހު ކުރީކޮޅު ދިން މިސައިލު ހަމަލާއާއެކު، ބޯޓަށް އެރި ލޮޅުމާއެކު ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޯޓުގެ ކްރޫ އަކުވެސް މަރުވެފައިވާކަމަަށް ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ރަޝިޔާ އަދި ޔުކްރެއިނުން ބަދަލު ކުރަމުންދާ ހަމަލާތަކުގައި އެތައް ބޯޓެއް ވަނީ ޔުކްރެއިނު ހިމެނޭ ސަރަހައްދުގެ ކަނޑުތަކުގައި ތާށިވެފައެވެ. އެގޮތުން އދ ގެ ޝިޕިންގ އޭޖެންސީ އިން ވަނީ ޔުކްރެއިނު ހިމެނޭ ސަރަހައްދީ ކަނޑުތައްކަމުގައިވާ، ބްލެކް ސީ އަދި ސީ އޮފް އަޒޮވް ގައި ތާށިވެފައިވާ ބޯޓުތައް ރައްކާތެރިކަމާއެކު އެސަރަހައްދުން ބޭރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައެވެ.



ނަމަވެސް އެސަރަހައްދުގައި ތާށިވެފައިވާ ބޯޓުތައް ރައްކާތެރިކަމާއެކު އެސަރަހައްދުން ބޭރުކުރުމަށް ލަސްތަކެއް ވެފައިވާއިރު މިހާތަނަށް 4 ބޯޓެއް ވަނީ ހަމަލާތަކުގެ ސަބަބުން އަޑިއަށްގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން