ރަޝިޔާއިން ދީފާނެ ސައިބަރ އެޓޭކަކަށް އެމެރިކާ ސަރުކާރުން ތައްޔާރުވަމުންދާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ވިދާޅުވީ ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިގްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކާހެދި ރަޝިޔާއިން ސައިބަރ އެޓޭކެއް ދިނުމުގެ ފުރުސަތުބޮޑުކަމަށާއި މިކަމުން ރައްކާތެރިވުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅުއްވާނެކަމަށެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ.

"ރަޝިޔާއިން ދީފާނެ ސައިބަރ އެޓޭކަކަށް އެމެރިކާ ސަރުކާރުން މިދަނީ ތައްޔާރުވަމުން. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކަށްވެސް ކަމާބެހޭ މާހިރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި. ނަމަވެސް މިއެހީތެރިކަން ބަލައިގަތުމަކީ އެބައެއްގެ ޒިންމާއެއް." ބައިޑެން ވިދާޅުވިއެވެ.

އެމެރިކާއިން އިސްނަގައި ރަޝިޔާގެ ހަމަލާތައް ކުށްވެރިކުރާ ގައުމުތަކުގެ ބޮޑެތި ވިޔަފާރިތަކުން މިހާރު ވަނީ ރަޝިޔާގައި ވަގުތީގޮތުން އެވިޔަފާރިތައް ކުރިއަށް ނުގެންދިއުމަށް އެއްބަސްވެފައެވެ. އެގޮތުން ވިސާ އަދި މާސްޓަރ ކާޑް ފަދަ ބޮޑެތި މާލީ ހިދުމަތްދޭ ކުންފުނިތަކުންވެސް ވަނީ ރަޝިޔާއަށް ހިދުމަށް ދިނުން ހުއްޓާލާފައެވެ.

މީގެ އިތުރުން ރަޝިޔާގެ ބައިނަލް އަގުވާމީ ވިޔަފާރިތަކަށް ހުރަސްއެޅުމުގެ ގޮތުން ގްލޯބަލް ޕޭމަންޓް ސިސްޓަމް، ސްވިފްޓުންވެސް ވަނީ އެނެޓްވަރކުން ރަޝިޔާ ބޭރުކޮށްފައެވެ.

މިފަދަ ހުރަސްތަކުގެ ސަބަބުން ރަޝިޔާގެ އިގްތިސާދަށް ހީނުކުރާވަރުގެ ލޮޅުންތަކެއް އަރާނެކަމަށް ބައިޑެން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން