އަފްގާނިސްތާނު ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ ފިރިހެނުން ތުނބުޅި ނުބަހައްޓާނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ހުސްވި އަހަރު ތާލިބާނުން އަފްގާނިސްތާނު ހިފުމަށްފަހު، ދީނީ ގޮތުން ކަމަަށްބުނެ ހަރުކަށި ގަވާއިދުތަކެއް އަފްގާނިސްތާނުގައި ދަނީ ތަންފީޒު ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުން ވަކި ގޮތަކަށް ހެދުން އެޅުމަށްވެސް ވަނީ އަންގާފައެވެ.

މިގަވާއިދުގައި ބުނާގޮތުންނަމަ ފިިިރިހެނުން ތުނބުޅި ބަހައްޓަން މަޖުބޫރުވެއެވެ. އަދި ބޮލުގައި ފޮށައެއް އައްސައި، ދޫ ކުރުތާއެއް ލުމަށް މިއެންގުމުގައިވެއެވެ.

އަދި މިއެންގުމާ ހިލާފަށް އޮފީހަށް ހާޒިރުވާ ފަރާތްތަކަށް އޮފީހަށް އެތެރެނުވެވޭނެކަމަށާއި، އަދި ވަޒީފާއިން ވަކިކުރެވޭނެ ކަމުގެ އިންޒާރު ލިބިފައިވާކަމަށް ނަންހާމަ

ނުކުރުމަށް އެދި ބޭރުގެ ނޫހަކަށް އިންޓަރވިއުދިން އަފްގާނިސްތާނުގެ ރައްޔިތަކު ހާމަކޮށްފައިވެއެވެ.

ތާލިބާނުގެ ހަރުކަށި ގަވާއިދުތަކާއިއެކު އަންހެން ކުދިން ސްކޫލަށް ދިއުން މަނާކުރުމުގެ އިތުރުން ހުސްވިހަފްތާގައި ވަނީ އަންހެނުން ފްލައިޓުތަކުން ދަތުރުކުރުންވެސް މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު