ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓަށް ރަޝިޔާގެ ރައްޔިތުން އެރުން މަނާކޮށްދިނުމަށް އެދެފިއެވެ.

މިކަމަށް އެދިފައިވަނީ ނޭޕާލުން ރަޝިޔާއަށް ނިސްބަތްވާ 9 ފަރާތަކަށް މައުންޓް އެވަރެސްޓަށް އެރުމަށް ހުއްދަދިނުމުންނެވެ.

މިއާއެކު އިންޑިއާގައި ހުންނަ ޔުކްރެއިނު އެމްބަސީއިން ވަނީ ނޭޕާލަށް ސިޓީއެއް ފޮނުވައި، ރަޝިޔާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން އެހެން ގިނަ ގައުމުތަކުން ވެސް އެކިކަހަލަ ކުޅިވަރު ކުޅުމުގައި ރަޝިޔާގެ ބައިވެރިވުން މަނާކޮށްފައިވާކަމަށް ބުނެފައެވެ. އެގޮތުން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓަންދެން ފަރުބަދަތަކަށް އަރާ ޓީމުތަކުގެ ތެރެއިން ރަޝިޔާއަށް ނިސްބަތްވާ ފަރާތްތަކަށް އެފުރުސަތު ނުދީ އެކަން މަނާކޮށްދިނުމަށް އެދިފައިވެއެވެ.

ނޭޕާލަކީ ފަރުބަދަ ގިނަ ގައުމެއްކަމަށްވާއިރު، އެކި ގައުމުތަކުން މިފަރުބަދަތަކަށް އެރުމަށް ނޭޕާލަށް ޒިޔާރަތްކުރެއެވެ. ފަރުބަދަ މައްޗަށް އެރުން ނުވަތަ މައުންޓެނިއަރިންގ އާންމުވެ މިހާރު މިކަމަކީ ހާއްސަ ތަމްރީނު ތަކަކާއިއެކު ކުޅިވަރެއްގެ ގޮތުގައި ބަލައިގަންނަ ކަމެކެވެ.

އެގޮތުން ވަކި ހާއްސަ މޫސުމެއްގައި ކުރާ މިކަމަށް ނޭޕާލުގެ ފަރުބަދަތައް މައްޗަށް އަރަންް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ނޭޕާލުގެ ޓުއަރިޒްމް މިނިސްޓްރީން ދަނީ ހުއްދަދެމުންނެވެ. އަދި މިހުއްދަދިނުމުގައި ރަޝިޔާގެ ރައްޔިތުން ނުހިމެނުމަށް ޔުކްރެއިނުން އެދުނު ކަމުގައި ވިޔަސް، ގަވާއިދާ ހިލާފު ނުވާ ކޮންމެ މީހަކަށްވެސް މިހުއްދަ ދޫކުރާނެކަމަށް ނޭޕާލުން ބުނެއެވެ.

"އަހަރުމެންގެ ގައުމުގައި ހުރި މިފަރުބަދަ ތަކަކީ މުޅި ދުނިޔޭގެ އަމާނާތެއް. މިފަރުބަދަތަކަށް ޒިޔާރަތްކޮށް އޭގެ މައްޗަށް އަރަން ކޮންމެ ގައުމެއްގެ ކޮންމެ ރައްޔިތަކަށްވެސް އެފުރުސަތު ލިބޭނެ." ނޭޕާލުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން