ލަންކާގެ ރައީސް އިސްތިއުފާދިނުމަށް ގޮވާލާ ކުރަންފެށި މުޒާހަރާތައް ހޫނުވެ ވެރިރަށް ކޮލޮމްބޯގައި ކާފިއު އިއުލާންކޮށްފިއެވެ.

ކޮލޮމްބޯގައި ކާފިއު އިއުލާންކޮށްފައިވަނީ ލަންކާގެ ރައީސް އިސްތިއުފާދިނުމަށް ގޮވާލާ ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިން ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާ ކައިރަށް މިސްރާބު ޖެހުމުންނެވެ. މިއާއެކު ކޮލޮމްބޯގެ ބޮޑު ސަރަހައްދަކަށް ވަކިމުއްދަތެެއް ނެތްގޮތަށް ކާފިއު އިއުލާންކޮށްފައިވާކަމަށް ލަންކާގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މުޒާހަރާގެ ބައިވެރިންވަނީ ސްރީލަންކާގެ މާލީ ހާލަތު ދައްވެ ތެލާއި ކާބޯތަކެތީގެ އަގުބޮޑުވެފައިވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ އިހުމާލުންކަމަށްބުނެ އެތައް ތުހުމަތެއްކޮށް ފާޑު ކިޔާފައެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ އިސްތިއުފާއަށް ގޮވަމުންދިޔައެވެ.

މިމުޒާހަރާތައް ފަށާފައިވަނީ ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެންނެވެ. ތެލުގެ ސްޓޮކް މަދުވެ ލަންކާގައި ގިނަވަގުތުތަކަށް ދަނީ ކަރަންޓުވެސް ކަނޑަމުންނެވެ.

މިއީ ސްރީލަންކާގެ ތާރީހުގައި ސަރުކާރުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމާއި ޓެކްސް ނަގާ އަދަދުތައް ދަށްކުރުމުގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވްވެސް ވަނީ 70 އިންސައްތަ ދަށްވެފައެވެ. މިއާއެކު ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

މިހާލަތުން އަރައިގަތުމަށް ސްރީލަންކާ ސަރުކާރުން ވަނީ އިންޓަރނޭޝަލަން މަނިޓަރީ ފަންޑް، އައިއެމްއެފުގެ އިތުރުން އިންޑިއާ އަދި ޗައިނާގެ ފަރާތުން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޗައިނާ އަދި އިންޑިއާއިން ވަނީ 1.5 ބިލިއަން ޑޮލަރަށްވުރެ ބޮޑުއަދަދުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން