ދިވެހި ފުޓުބޯޅައިގައި ނިއުރޭޑިއަންޓުގެ މަގާމު ހޯދުމަށް ވުޖޫދުކުރި ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ނިއުރޭޑިއަންޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ސޮބާހު މުޙައްމަދު ހަމަޖައްސައިފިއެވެ.

ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ސޮބާ ހަމަޖައްސާފައިވަނީ މިއަދުއެެވެ. ނިއު ރޭޑިއަންޓަށް ދިމާވި ދަތި އުދަނގޫ ހާލަތުގައި ކޯޗެއްގެ ގޮތުގައި ސޮބާ ވަނީ މަސައްކަތްކޮށްފައެވެ.

ސޮބާގެ އިތުރުން ރޭޑިއަންޓުގެ ކޯޗިންގ ޓީމުގައި ނިއުރޭޑިއަންޓުގައި އެ ފަރާތްތަކެއްގެ ޚިދުމަތް ފެނިގެންގޮސްފައިވާ ފަރާތްތަކެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ސޮބާގެ އެސިސްޓެންޓަކަށް ހަމަޖައްސާފައިވަނީ ނިއުރޭޑިއަންޓްގެ ކެޕްޓަންކަންކޮށް ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި މިޑްފީލްޑަރ އަހުމަދު މުޙައްމަދު (އައްމަޑޭ) އެވެ.

އޭނާ ކޯޗިންގ ޓީމާއި ގުޅުނީ ކުޅުންތެރިއެއްގެ ވެސް ގޮތުގައެވެ. ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު 6 ކުޅުންތެރިއަކު ރޭ ވަނީ ޓީމަށް ސޮއިކޮށްފައެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އޮފިޝަލަކު ވިދާޅުވީ، ޓީމަށް ކުޅުންތެރިން ހޯދަމުންދަނީ ކޯޗު ސޮބާގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމާފައިވަނީ 2019 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައެވެ. އެފްއޭއެމްގެ އެކްސްކޯ އިން ނިންމި އެ އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ނިއުގެ ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން