މި އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނުވަތަ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 1.3 މިލިއަން ޕަސިންޖަރުން ހިދުމަތް ހޯދާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހާމަކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ މައި އެއަރޕޯޓް މެދުވެރިކޮށް 1.3 މިލިއަން ޕަސިންޖަރުން ހިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އެއަރޕޯޓުން ޚިދުމަތް ހޯދި 7 ލައްކަ 74 ހާސް ފަސިންޖަރުންނާއި އަޅާބަލާއިރު 76 އިންސައްތަ އިތުރު އަދަދެއްކަމަށެވެ.



ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިންޓަރނޭޝަނަލް ޓަރމިނަލުން 1.1 މިލިއަން ފަސިންޖަރުން ހިދުމަތް ހޯދާފައިވާއިރު ޑޮމެސްޓިކް ޓަރމިނަލުން ވަނީ 284 ހާސް ފަސިންޖަރުންނަށް ޙިދުމަތްދީފައެވެ.

އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދާއި އެއަރޕޯޓުން ފުރާފައިވާ ފްލައިޓުތަކުގެ އަދަދުވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި ވަނީ 43 އިންސައްތަ އިތުރުވެފައެވެ. އަަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި 15 ހާހަށްވުރެ ގިނަ އެއަރ ޓްރެފިކް މޫވްމަންޓު ރެކޯޑުކުރެވިފައިވާއިރު، މީގެތެރޭގައި ހިމެނެނީ 8246 ބައިނަލްއަޤްވާމީ އެއަރ ޓްރެފިކް މޫވްމަންޓާއި، 7614 ރާއްޖޭގެ އެތެރޭގެ އެއަރ ޓްރެފިކް މޫވްމަންޓެވެ.

ވެލާނާ އެއަރޕޯޓަކީ ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވާ މައި އެއަރޕޯޓެވެ.



ކިޔުންތެރިންގެ ހިޔާލު