އައްޑޫ ބިން ހިއްކާނީ ފަރުތަކާއި ކަނޑުފަޅުގެ އެއްވެސް ދިރުމަކަށް ގެއްލުން ނުވާނެ ގޮތަށް ވަރަށް ބޮޑަށް ބަަލައިގެން ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް ކުންފުނިން ހާމަކޮށްފި އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް ކުންފުނިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި މަޝްރޫއަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށްވާތީ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށް ބަޔާނުގައިވެއެވެެ.

ވެން އޫޑްގެ ޑިރެކްޓަ ޑްރެޖިން، ނީލްސް ޑި ބްރޫޖިން ވެސް ވިދާޅުވީ އައްޑޫ ބިން ހިއްކާނީ ފަރުތަކާއި ކަނޑުފަޅުގެ އެއްވެސް ދިރުމަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ. އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުންޏާއެކު ރާއްޖެއާއި ރާއްޖޭން ބޭރުގެ ކޮރަލް ސްޕެޝަލިސްޓުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ މަސައްކަތެއް ދެހާސް ސޯޅައިގައި އަހަރެމެން ހިންމަފުށީގައި ވެސް ކުރިއަށް ގެންދިޔައިން. އެހެންވީމަ އޭގެ ތަޖުރިބާ ވެސް އައްޑޫ ބިން ހިއްކަން ބޭނުން ކުރެވޭނެ." ނީލްސް ޑި ބްރޫޖިން ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއު ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު