ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރާއްޖެއަށް ލޯނު ލިބުމަކީ އިގްތިސާދު ވަރުގަދަކަމުގެ ހެއްކެއްކަމަށް އިކޮނޮމިކް މިނިސްްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ސަރުކާރުން އެކި ކަންކަމަށް ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ހަރުދަނާ ޕްލޭންތަކެއް އެބަހުރިކަމަށާއި، އަދި މަސައްކަތް ކުރަނީވެސް އެ ޕްލޭންތަކާއެކުކަމަށެވެ. އަދި ގައުމުގެ ތަރައްޤީއަށާއި އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ އަދިވެސް ލިބެމުންދާކަމަށާއި، އެއީވެސް އިޤްތިޞާދުގެ ވަރުގަދަކަން ދައްކައިދޭ ހެއްކެއްކަމަށް ފައްޔާޟު ވިދާޅުވިއެވެ.

،"ދަރަނި ނަގަން އެބަޖެހޭ. ތަރައްޤީގެ ކަންކަންވެސް ރައްޔިތުން އެބަ ބޭނުންވޭ. އެ ކަންކަންވެސް ކުރެވޭނީ ދަރަނިވެސް ނަގައިގެން. ވަރަށް އުޖާލާކޮށް ފެންނަނީ. އިރާދަކުރެއްވިއްޔާ މިހާރު ހުރި ޕްލޭންތަކުގެ ތެރެއިން ކާމިޔާބު ލިބޭނެ" ފައްޔާޟް ވިދާޅުވިއެވެެ.

ވޯލްޑް ބޭންކުން އެންމެފަހުން ނެރެފައިވާ "މޯލްޑިވްސް ޑިިވެލޮޕްމެންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ މާލީ ފުދުންތެރިކަން ދެމެހެއްޓުމަށްޓަކައި ދަރަނި މެނޭޖްކުރުން ކޮންމެހެންވެސް މުހިންމުކަމަށެވެ. އެހެންނޫންނަމަ ނާޒުކު ހާލަތަކަށް ގޮސްދާނެކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ބުނާގޮތުން ރާއްޖޭގެ އިގްތިސާދު ދަނީ ކޯވިޑަށްފަހު ބާރަށް ކުރިއަރަމުންނެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިގްތިސާދު 8 އިންސައްތައާއި 11 އިންސައްތައާ ދެމެދުގެ އަދަދަކުން ކުރިއަރާނެކަމަށް މާލީ އިދާރާތަކުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު